17 ޖުލައި 2025 - 14:23

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އުވާލައި އެމްއޭސީއެލްގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރާއިރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންގެ ފެއާވެލް ޕާޓީ ބާއްވައިފި އެވެ.
މުބީން "މިހާރު" އަށް ވިދާޅުވީ، ޑޮމެސްޓިކް އެއާޕޯޓްތައް ހިންގާ އާރްސީއެލް އުވާލުމަށް ލިކުއިޑޭޝަން ޕްރޮސެސް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ނިންމައި ކުންފުނީގެ ހުރިހާ މަސައްކަތެއް އެމްއޭސީއެލްގެ ދަށަށް ގެންދެވޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުބީންގެ ފެއާވެލް ޕާޓީގައި އޭނާ ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކޮށް ވާހަކަ ދައްކަވައިފަ އެވެ. އަދި އެ ހަފްލާގައި ހުރިހާ މުވައްޒަފުންނާ އެކު މުބީން ވަނީ ކޭކެއް ފަޅުއްވައިފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން، އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
މިއަހަރުގެ ކުރީ ކޮޅު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވެސް ވިދާޅުވީ، ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އާރްސީއެލް އަކީ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ. ޕީސީބީން އެންމެ ފަހުން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގެ ކުންފުނިތަކުގެ މާލީ ހިސާބުތަކެވެ. ދެވަނަ ކުއާޓާގައި އެކުންފުނީގެ ވެލުއޭޝަން ކުރިއަށްގެންދާތީ ޕީސީބީއާ މާލީ ހިސާބުތައް ހިއްސާކޮށްފައެއް ނުވެ އެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު ވެސް ވަނީ 95 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފަ އެވެ.
މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާއާ ހަމައަށް އެ ކުންފުންޏަށް ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކުންފުނީގެ ހިންގުން ހަމަޖައްސަން 2023 ވަނަ އަހަރު ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 113 މިލިއަން ރުފިޔާ ހޭދަކުރި އެވެ.