މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

ނ. މަނަދޫގައި، އެކަނިމާއެކަނި ދިރިއުޅެމުން އައި ނައީމާ މޫސާ މަރާލަން އެ ގުރޫޕުގެ މީހުން އެ ގެ އަށް ވަނީ އެއްވެސް ހެއްކެއް ނުލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި ހެޒްމެޓް ސޫޓް ލައިގެންނެވެ. އެެއީ ނައީމާ މަރާލަން ދުރާލައި ތައްޔާރުވެ ހޯދި ސާމާނެވެ. އޭގެ ތެރޭގައި ކޮވިޑް ތެރޭ އެ ރަށަށް ގެންގޮސްފައި ހުރި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ)ގެ ސާމާނުތައް ހިމެނެ އެވެ.

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

ހެއްކެއް، ނިޝާނެއް ފެންނަން ނެތި ގިނަ ދުވަސްތަކެއް ވުމުން މަނަދޫގައި ހާސްކަން އިތުރުވި އެވެ. ގާތިލުން އާންމުންގެ ތެރޭގައި އުޅުމުގެ ކަންބޮޑުވުން އެ ރަށުގައި އިންތިހާ އަށް އޮތެވެ. އެކަމަކު، ވަރަށް ރަހުމުކުޑަގޮތަކަށް ނައީމާ މަރާލާފައި އޮއްވައި އޭޕްރީލް 7، 2023 ވަނަ ދުވަހު ފެނުނު ފަހުން ފުލުހުން ހިންގި އުނދަގޫ އަދި ބޮޑު އޮޕަރޭޝަނަށް މަހެއްހާ ދުވަސް ވީތަނާ، އެ ކަމުގައި ހިމެނުނު އެންމެން ހޯދި އެވެ.

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

އޭގެ ދޮޅު އަހަރު ފަހުން އަނެއްކާވެސް އެފަދަ "ރޭވުންތެރި" އަދި ރަހުމްކުޑަ ގޮތަކަށް އުމުރުން 65 އަހަރުގެ މީހަކު އއ. މާޅޮހުގައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލާފައި އޮއްވައި ވަނީ ފެނިފަ އެވެ. އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނުތާ ހަފުތާއެއް ވާއިރު ވެސް އެއްވެސް ހެއްކެއް، ނިޝާނެއް ފެނުނު ކަމަކަށް ނުވެ އެވެ. ނުވިތާކަށް މި މައްސަލާގައި ޝައްކުވާ މީހަކު ހުރި ކަމަކަށް ވެސް ފުލުހުންނަކަށް އަދި ނޭނގޭ ކަމަށް ވެ އެވެ.

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

ނަމަވެސް އުމުރުން 65 އަހަރެއް ކަމަކު މާޅޮހުގައި ހުރި "އެންމެ ވަރުގަދަ މީހާ" ކަމަށް އެ ރަށުގެ އެންމެން އިއްތިފާގުވާ އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނުނު މީހުންގެ އިނގިއްޔާއި ފައިގެ ނިޝާން ނެގުން ފަދަ ކަންކަން ފުލުހުން އަންނަނީ ކުރަމުންނެވެ. ރަށުގެ އެކި މީސްމީހުންނާ ސުވާލުކުރުމާއި މާޅޮހުގައި ހުރި މަދު ސީސީޓިވީ ކެމެރާތައް ބެލުން ފަދަ ކަންކަން ކޮށްފި އެވެ. އެކަމަކު، އެއިން އެއްވެސް ކެމެރާއެއް ހުރީ އަބްދުއްރަހާމާން ދިރިއުޅުނު އޭނާގެ އަންހެނުން މާހިޔަގެ ހިމެނޭ ސަރަހައްދު އަރާ ގޮތަކަށް ނޫނެވެ.

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

ކަން ކޮށްފައިވާ ގޮތަށް ބަލާއިރު ފެންނަނީ ވަރަށް ބޮޑަށް ރާވައިގެން އުޅުނު ކަމެވެ. ދުރާލައި ރާވައިގެން އަދި ހެކި ވެސް ފޮރުވަން ކުރެވުނުހާ ކަމެއް ކޮށްފައިވާ ކަމެވެ. ނައީމާ މަރާލި ކޭސްގައި ހިމެނުނު މީހުން ގޮތަށް ގާތިލު ނުވަތަ ގާތިލުން ތިބީ ފޮރުވިގެންނެވެ. އެ މީހުން ނޫނީ އެ ބަޔަކު ތިބީ އާންމުންގެ ތެރޭގަ އެވެ.

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

ހަފުތާއެއް ވާއިރު ފުލުހުން އަދިވެސް ތިބީ އަބްދުއްރަހުމާން ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްގެންނެވެ. އެ ގެ އަށް އެއްވެސް މީހަކު ވަނުން މަނަލެވެ. އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ އިބްރާހިމް ވެސް މިހާރު އުޅެނީ އެހެން ގެއެއްގަ އެވެ.

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

އަބްދުއްރަހުމާން މަރާލިތާ 12 ވަރަކަށް ގަޑިއިރު ފަހުން "މިހާރު" ގެ ނޫސްވެރިން މާޅޮހަށް ގޮސް އެ ރަށުގެ އެކި މީހުންނާ ވާހަކަ ދެއްކުމުން ފާހަގަވި އެއް ކަމަކީ އެއްބަޔަކު އަނެއް ބަޔަކު ދައްކާ ވާހަކަތައް ދިމާނުވާ ކަމެވެ. ދައްކާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރި ކަމެވެ. އެއާ އެކު، މާޅޮހުގެ މީހަކު އެފަދަ ލާއިންސާނީ އަމަލެއް ހިންގަފާނެ ކަމަކަށް އެ ރަށުގެ ގިނަ މީހުން ގަބޫލެއް ނުކުރެ އެވެ.

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

އަބްދުއްރަހުމާން މަރާލާފައި އޮއްވައި ފެނުނުއިރު އެ ގޭގައި އެ ދުވަސްކޮޅު ދިރިއުޅުނީ އޭނާ އާއި އަންހެނުން ނާޒިމާ އެވެ. އެ މީހުން ތިން ފިރިހެން ކުދިންގެ ތެރެއިން ރަށުގައި ދިރިއުޅޭ އެ އާއިލާގެ ދެވަނަ ދަރިފުޅު ނިމާލް އެ ދުވަސްވަރު ހުރީ ލަންކާ އަށް ދަތުރެއް ކުރަން ޖެހޭތީ މާލޭގަ އެވެ. ނިމާލް އާއި އޭނާގެ އަންހެނުން ވެސް ދިރިއުޅެނީ އަބްދުއްރަހުމާންގެ ދެމަފިރިންނާ އެކު މާހިޔައިގައި ކަމަށް ވިޔަސް ނިމާލް މާލެ އަންނަން ޖެހޭތީ އަންހެނުންގެ ރަށް އުކުޅަހަށް ވަގުތީ ގޮތުން ބަދަލުކުރި އެވެ.

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނު ރޭ އެ ދެމަފިރިން ނިދީ ދެ ކޮޓަރީގަ އެވެ. އެކަމަކު، އެ ވާހަކަތައް އެކި މީހުން ދައްކަނީ އެކި ގޮތަށެވެ. އެއްބަޔަކު ބުނަނީ އެ ގޮތަށް އެ ދެމަފިރިން ނިދަން ޖެހުނީ ނިމާލް މާލެ އަންނަން ޖެހުމުން އޭނާގެ ކޮޓަރީގައި އަގު ބޮޑު ސާމާނު ހުންނާތީ ނިމާލްގެ ކޮޓަރީގައި ނިދަން އެދުމުން ކަމަށެވެ.

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

"ނިމާލް ފުރައިގެން ދަމުން އަބްދުއްރަހުމާން ކައިރީގައި ބުނީ ބައްޕާއޭ ކޮޓަރީގައި ވަރަށް އަގު ބޮޑު ސާމާނުތައް ހުންނާނެއޭ. އެ ކޮޓަރީގައި ނިދާށޭ ތިމަންނަ އަންނަންދެން. އެކަމަކު ނިމާލްގެ ކޮޓަރީގައި ނިދަން ފެށީ ނާޒިމާ. އަބްދުއްރަހުމާން ނިދީ އެ ދެމަފިރިންގެ ކޮޓަރީގައި،" ކަން ހިނގި ގޮތް ކިޔައި ދެމުން އަބްދުއްރަހުމާންގެ ގާތް އެކުވެރިއަކު "މިހާރު" އާ ހިއްސާ ކުރި އެވެ. އެއީ އަބްދުއްރަހުމާން މަރާލި ދުވަހުގެ ކުރީ ދުވަހު ހަވީރު ވެސް ދިމާވި މީހެކެވެ.

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

އެ ވާހަކަ ލިޔުމުން ގިނަ ބަޔަކު އުފެއްދި ސުވާލަކީ އެހާ އަގު ބޮޑު ސާމާނު ހުރި ގެއެއް ތަޅުނުލައި ނިދަން ޖެހުނު ސަބަބެވެ. މީހަކު އެ ކޮޓަރީގައި ނިދުމާ އެކު، ގެ ވެސް ހުންނަން ޖެހޭނީ އެ ހާލަތުގައި ތަޅުޅާފައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ.

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

ނަމަވެސް އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނިގެން އެ ގެ އަށް އެ ރޭ ދަންވަރު ގޮސް އޭނާ ހޮސްޕިޓަލަށް ގެންދަން އެހީތެރިވި މީހުން ކިޔައިދިން ގޮތުގައި ނާޒިމާ ނިދާފައި އޮތީ އެހެން ކޮޓަރިއެއްގަ އެވެ. ނިމާލްގެ ކޮޓަރިއަކު ނޫނެވެ. އަބްދުއްރަހުމާން ނިދާފައި އޮތީ އަބަދުވެސް ދެމަފިރިންނަށް ހާއްސަ ކޮޓަރީގައި ކަމަށް އެ ގެ އަށް އެ ރޭ ވަން މީހުން ކިޔައިދިނެވެ.

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް
މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ދެމަފިރިން ދެ ކޮޓަރީގައި ނިދަން ފެށީ ނާޒިމާގެ މަންމަ ވަރަށް ބޮޑަށް ބަލިވި ފަހުންނެވެ. މަންމަ ވަރަށް ބޮޑަށް ބަލިވުމުން މަންމައާ އެކު ނިދަން އާދަވި ގޮތަށް، މަންމަ ނިޔާވުމުން ވެސް އެކަން އެ ގޮތުގައި އޮތީ ކަމަށް ފުލުހުންނާ އާއިލާ އިން ހިއްސާކުރި މައުލޫމާތުތަކުގައި ވެ އެވެ.

"މިހާރު" ގެ ނޫސްވެރިން މާޅޮހަށް ގޮސް އެ ހޫނުގަނޑު ތެރޭގައި ނާޒިމާއާ ސުވާލު ކުރުމުން ބުނެފައި ވަނީ އަބްދުއްރަހުމާނަށް ހަމަލަދީފައި އޮތްކަން އެނގުނީ ފާހާނާއަކަށް ދާން އެ ކޮޓަރި އަށް ވަން ވަގުތު "މަރަށް ތެޅެނިކޮށް" ފެނުމުން ކަމަށެވެ. ނާޒިމާއާ އިންޓަވިއު ކުރަނިކޮށް، އެ ވަގުތު އެހެން ބަޔަކު ގޮސް އޭނާ ހުއްޓުވުމުން އޭގެ ފަހުން ނާޒިމާ މި މައްސަލާގައި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، އިތުރަށް ކަންކަން ވީ ގޮތެއް ނާޒިމާގެ ފަރާތުން ސާފެއް ނުވި އެވެ.

އެ ގޭގެ ތިން ކޮޓަރީގައި ވެސް ފާހާނާ ހުންނަ ކަމަށް ބުނާއިރު، ނާޒިމާ އެހެން ކޮޓަރިއެއްގެ ފާހާނާ އަށް ވަންނަން ޖެހުނު މައްސަލައިގެ ސުވާލު ވެސް އުފައްދަ އެވެ. ނާޒިމާ "މިހާރު" އާ ދެއްކި ވާހަކަތަކާ އިދިކޮޅަށް ވެސް އޭނާއާ ހަވާލާދީ ރަށުތެރޭގައި ވާހަކަތައް ދައްކަ އެވެ. އެހެންވެ، ރަށުގެ ތެރޭގައި މި މައްސަލާގައި އެކި ވާހަކަތައް ވަނީ ފެތުރިފަ އެވެ.

މަސްވެރިކަމުގައި އުޅޭ އަބްދުއްރަހުމާނަކީ މާޅޮހުގެ އެންމެން ވެސް ގަބޫލުކުރާ ގޮތުގައި ވަރަށް އާދައިގެ ދިރިއުޅުމެއްގައި އުޅޭ މީހެކެވެ. ފައިސާވެރިއެއް ނޫނެވެ. ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަނީ އެކި ރަށްރަށުގެ ދޯނިތަކުން މަހަށް ގޮސްގެން ލިބޭ އެއްޗަކުންނެވެ. އުމުރުން 65 އަހަރު ވުމުން ދައުލަތުން ކޮންމެ މަހަކު ދޭ 5،000ރ. ވެސް ލިބެން ފެށީ ދާދި ފަހުންނެވެ. އެހެންވެ، ފައިސާގެ ބޭނުމުގައި އޭނާ މަރައިލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ގާތް މީހުންނާއި މާޅޮހުގެ އެހެން މީހުން ގަބޫލުކުރެ އެވެ.

ނަމަވެސް އާންމުކޮށް ރަށުގެ ތެރޭގައި ދައްކަން ނުކެރޭ އެއް ވާހަކަ އޮވެ އެވެ. ސިހުރުގެ ތުހުމަތެވެ. އެ ވާހަކަ ފާޅުގައި ނުދެއްކި ނަމަވެސް މާޅޮހުގެ މީހުންގެ "ސިއްރު" ލިސްޓުން ޖާގަ ހޯދާފައިވާކަން އެކި މީހުންގެ ވާހަކަތަކުން އެނގެ އެވެ. ކޮންމެވެސް ސަބަބަކާ ހެދި ސިހުރުގެ ވާހަކަތައް ތަފުސީލްކޮށް އެއްވެސް މީހަކު ކިޔައިދޭކަށް ބޭނުމެއް ނުވި އެވެ. އެކަމަކު، ބައެއް މީހުންގެ ހިތުތެރޭގައި އެ ވާހަކަ އޮންނަނީ ބާއްވައިފަ އެވެ.

އަބްދުއްރަހުމާނާއި ސިހުރާ ގުޅުމެއް ނެތް ކަން އަންގައި ދިނުމަށް ގިނަ ބަޔަކު ބުނަނީ ކުޅިވަރު މުބާރާތަކުން މޮޅުވުން ފަދަ ކަމެއްގައި ވެސް "އެހީތެރިކަން ހޯދަން" ދުވަހަކު ވެސް އަބްދުއްރަހުމާން ކައިރި އަށް މީހަކު ނުދާ ކަމަށެވެ.

"އެކަމަކު، އެންމެން ވެސް މި ދަންނަ އާދައިގެ ނޫނީ އާންމު ފަންޑިތައް އޭނާ އަށް އެނގިދާނެ. އެ އަށް ވުރެ އިތުރަށް ސިހުރު ހެދުން ފަދަ ކަންކަން އަބްދުއްރަހުމާނަކަށް ނޭނގޭނެ. ކުއްޖަކު ބަލިވީމާ އެއްޗެއް ކިޔަވާލުން ފަދަ ކަންކަން އަބްދުއްރަހުމާން އެކަންޏެއް ނޫން، މި ރަށުގެ ގިނަ މީހުންނަށް އެ ވަރު އެނގޭނެ. އެއީ ސިހުރެއް ނޫން،" މާޅޮހުގެ މީހަކު ބުންޏެވެ.

އެހެންވެ، އަބްދުއްރަހުމާން މަރާލަން ޖެހޭ ސަބަބު އެއްވެސް ވަރަކަށް ނޭނގެ އެވެ. އެކި ކަންކަމާ ގުޅުވިޔަސް މާ ބޮޑު ހެއްކެއް ފެންނަ ގޮތަކަށް ފުލުހުންނާ ވެސް ރަށުން އަދި ވާހަކަ ނުދައްކާ ކަމަށް ވެ އެވެ.

މާޅޮހުގެ ކޮންމެ މީހަކާ ދިމާވިޔަސް އޮތީ އެ ކަމެވެ. ރަށުގައި ވައްކަމެއް، މާރާމާރީއެއް، މަސްތުވާތަކެތީގެ މައްސަލައެއް ނެތެވެ. މާޅޮހުގެ ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރުގެ ބަހުން ނަމަ އެއީ "ހަމަ ރެކޯޑެކޭ ވެސް ބުނެވިދާނެ" އެވެ. އެހާ ވެސް ރަނގަޅު މީހުން އުޅޭ ރަށެކެވެ.

"ވައްކަމުގެ އެއްވެސް ކަހަލަ މައްސަލައެއް މި ރަށުން ފާހަގައެއް ނުވޭ. މިތާނގެ ކައިރީގެ ރަށްރަށުގައި ސިމެންތި ގަށަން ބޭނުންކުރާ އެއްޗެހި ވެސް ތަޅުލައިގެން ގެންގުޅެން ޖެހޭނީ. މި ރަށުގައި ވެއްޖިއްޔާ މަގުމަތީގައި ކިތަންމެ އަގު ބޮޑު އެއްޗެއް ހުއްޓަސް އަޅައެއް ނުލާނެ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މާޅޮހުގެ މީހުންގެ ރަނގަޅު ވާހަކަ ނުދައްކާ މީހަކާ އެ ރަށުން ދިމަލެއް ނުވި އެވެ. މަސްތުވާތަކެތީގެ ކަންތައްތަކުގައި އުޅޭ 2-3 ޒުވާނަކު މާޅޮހުގައި މީގެ ކުރިން އުޅުނަސް މި ވަގުތު އެ މީހުންނެއް ވެސް އެ ރަށުގައި ނެތް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެހެންވެ މީހަކަށް ހަމަލަދީ، މަރާލަން ކެރޭ ވަރުގެ މީހަކު މިހާރު މާޅޮހުގައި ނޫޅޭނެ ކަމަށެވެ. ދެން އެންމެން ވެސް އިނގިލި ދިއްކުރަނީ ރަށުން ބޭރުން ބަޔަކު ދަންވަރު އަރައިގެން ގޮސް އަބްދުއްރަހުމާނަށް ހަމަލަދީ، މަރާލީ ކަމަށެވެ.

އެހެން ބަޔަކު ގަބޫލުކުރަނީ އެހެން ރަށެއްގެ ބަޔަކު މާޅޮހަށް އަރައިގެން ގޮސް އަބްދުއްރަހުމާނަށް ހަމަލަދިން ނަމަވެސް މާޅޮހުގެ މީހެއްގެ އެހީތެރިކަން ނެތި އެފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ. މާޅޮހުގެ މީހަކާ ކޮންމެވެސް ގުޅުމެއް އޮންނާނެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

"އަބްދުއްރަހުމާނަކީ ރަށުން ބޭރުގެ މަސްދޯނިތަކުން ވަރަށް ގިނައިން މަހަށް ދާ މީހުން. އެންމެ ގިނައިން ދާނީ އުކުޅަހު ދޯނިތަކުން. މާލެ އަތޮޅު ގުރައިދޫ ދޯނިތަކުން ވެސް ދާނެ. މާޅޮހުގައި މިހާރު މަހަށް ދާ ދޯނި ނެތުމުން އެހެން ރަށްރަށުގެ މީހުންނާ ވަރަށް ގުޅުން ބޮޑުވާނެ،" އަބްދުއްރަހުމާންގެ ގާތް މީހަކު ބުންޏެވެ.

އަބްދުއްރަހުމާން ދިރިއުޅުނު ގެ ހުންނަނީ ރަށުގެ ބިއްދޮށް ނުވަތަ ހުރަސް މަގު އަތިރިފަރާތު ސަރަހައްދުގައި ކަމަށް ވުމުން އެ ދިމާލުން ބަޔަކު ޑިންގީއެއްގައި ގޮސް އެފަދަ ޖަރީމާއެއް ހިންގިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެކަމަކު، އެހެން ރަށެއްގެ ބަޔަކު ބަނދަރަށް ފައިބައިގެން ރަށުތެރޭގައި އުޅޭ ނަމަ އެކަން ނޭނގި ނޯންނާނެ ކަމަށް މާޅޮހުގެ މީހުން ބުންޏެވެ.

"ބަނދަރަށް ދޯންޏެއް ގާތް ކޮށްފިއްޔާ ގިނަ ބަޔަކަށް އެނގޭނެ. ބަނދަރު ސަރަހައްދުގައި ހުންނަ ހޮޓަލުގައި އުޅޭ މީހުންނަށް ފެންނާނެ. ބަނދަރު ސަރަހައްދުގައި އަބަދު މީހުން އުޅޭނެ ރޭގަނޑަކަސް. މިއީ ވަރަށް ލަހުން މީހުން ނިދާ ރަށެއް. ވަރަށް ދަންވަންދެން މީހުން އުޅޭނެ ހޮޓާތަކުގައި. އެހެންވެ، މި ރަށު ބަޔަކު ކަމެއް ކުރި ނަމަ ފަޅާ ނާރައި ނުދާނެ،" މާޅޮހުގެ ޒުވާނަކު ބުންޏެވެ.

މާޅޮހުގެ ހުރަސް މަގު އަތިރިފަރާތާ ދިމާލުން ދަންވަރު ޑިންގީތަކުގައި ރަށަށް އަރައި މަސްތުވާތަކެތީގެ މުއާމަލާތްތައް މީގެ ކުރިން ވެސް ކޮށްފައިވާ ކަމަށް އެ ރަށުގެ މީހުން ބުންޏެވެ. އެހެންވެ، ދެން އޮތް ޗާންސަކީ ހަމައެކަނި އެ ދިމާލެވެ. އެ ސަރަހައްދު ވެސް ފުލުހުން ފާސްކުރި އެވެ. ގާތިލުން ބޭނުންކުރި އެއްވެސް ހަތިޔާރެއް ފެނޭތޯ އެވެ.

އަބްދުއްރަހުމާން ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދުގައި ވެސް ހޮޓަލެއް ހުރެ އެވެ. އެ ތަން ބަންދުކޮށްފައި އެ ރޭ އެންމެ ފަހު މީހާ ގެ އަށް ދިޔަ ކަމަށް ވަނީ އެ ރޭގެ ދަންވަރު 12:40 ގަ އެވެ. އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި އޭނާގެ އަންހެނުން ނާޒިމާ އަށް ފެނުނު ކަމަށް ބުނަނީ ވިއްސަކަށް މިނިޓް ފަހުން ނުވަތަ ދަންވަރު އެކެއް ޖަހާކަން ހާއިރެވެ.

"އެ ގަޑީގައި ވެސް ބައެއް ހޮޓާތަކުގައި މި ރަށުގެ ބައެއް މީހުން ސައިބޯން ތިބި. އެއީ އަބްދުއްރަހުމާނަށް ހަމަލަދިން ކަން އެނގިގެން ސައިކަލްގައި އަޅުގަނޑު ހޮޓާ ކުރިމަތިން މާ ބާރަށް ދިޔަ ތަން ފެނުމުން ބައެއް މީހުން އެ ވަގުތު ވެސް ގުޅި ވެގެން އުޅޭ ގޮތް ސާފުކުރަން. އެހެންވީމާ ރަށުތެރޭގައި ބައެއް މީހުން އޭރު ވެސް ހޭލާ އުޅުނު،" ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވި އެވެ.

މާޅޮހު އަބްދުއްރަހުމާންގެ މަރާލި މައްސަލަ ވެސް އަދި އޮތީ "ނާކާމިޔާބު" ތަހުގީގެއްގެ ގޮތުގަ އެވެ. އެކަމަކު، 450 އެއްހާ މީހުން ދިރިއުޅޭ ރަށެއްގައި ހިންގި މި ވަރުގެ ބޮޑު ޖަރީމާއެއްގެ ހަގީގަތް ފުލުހުންނަށް ހޯދެން ޖެހޭނެ ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ. ފުލުހުންގެ ގާބިލްކަން އެ ހިސާބުގައި ހުންނަން ޖެހޭނެ ކަމަށް މާޅޮހުގެ އެންމެން ގަބޫލު ކުރެ އެވެ. ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވި ގޮތަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްފި ނަމަ އެއީ ކާމިޔާބު ވާން ޖެހޭނެ ކަމެކެވެ.

އެކަމަކު، އޭގެ އަނެއްކޮޅަށް ބަލާއިރު މާޅޮހުގައި އޮތީ ރަށުގެ ނަން ކިލަނބުވެދާނެތީ އޮތް ބިރުވެރި ކަމެކެވެ. ރަށުގެ މީހެއްގެ ބޮލުގައި ބަދުނާމުގެ ޓެގް އެޅުވެން ބޭނުން ނުވާ މީހުން ވެސް އެހީ ގިނަ އެވެ.