16 ޖުލައި 2025 - 13:22

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ، ފެމިލީ ކޯޓުން ފުރަތަމަ ފަހަރަށް މިއަދު އާއްމުކޮށްފި އެވެ.
އެ ކޯޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެ ފިރިހެން މީހާގެ ފޮޓޯ އާއްމުކުރީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެގޮތަށް، އާއްމުކުރި ފުރަތަމަ މީހަކީ ދަފްތަރު ނަމްބަރު 2758، އަހުމަދު އަލީ އެވެ.
ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަރަދު ނުދޭ މައްސަލާގައި މީހެއްގެ ފޮޓޯ އާއްމުކުރިއަސް އެގޮތަށް އެންމެންގެ ފޮޓޯ އާއްމުކުރަން އަދި ނުނިންމާ ކަމަށެވެ.
ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން އެންމެ ފުރަތަމަ ފެށީ، މިދިޔަ އަހަރުގެ ފަހުކޮޅު ހިސާބުގައި ޅ. ހިންނަވަރު ކޯޓުންނެވެ. އޭގެ ފަހުން ހދ. ކުޅުދުއްފުށީ ކޯޓުން ވެސް ވަނީ އެފަދަ މީހުންގެ މައުލޫމާތު ޝާއިއުކުރަން ފަށައިފަ އެވެ.
އެފަދަ މީހުންގެ ވަނަވަރު އާންމުކުރަން 2018 ވަނަ އަހަރު ފެމިލީ ކޯޓުން ނިންމި ނަމަވެސް މިހާތަނަށް އެކަން އޮތީ ތަންފީޒު ނުކޮށެވެ.
ފެމިލީ ކޯޓުން ކުރިން ބުނީ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން ކުރިން ނިންމުމަށް ފަހު، އެކަން މިހާތަނަށް ނުކޮށް އޮތީ ކޯޓަށް އެޅިދާނެ އިހުތިޔާރީ ފިޔަވަޅެއްގެ ގޮތުގައި ގަވާއިދުގައި އެކަން އޮންނާތީ ކަމަށެވެ.