16 ޖުލައި 2025 - 13:10

ޓީ-ޖެޓީ ސަރަހައްދުގައި ހަދަން ފަށައި ވަކި ހިސާބަކުން މަސައްކަތްތައް ހުއްޓިފައި ހުރި އިމާރާތަށް، ކުޑަކުދިންގެ މައްސަލަތައް ބަލާ ފުލުހުންގެ ޑިޕާޓްމަންޓު ބަދަލުކުރަން ތައްޔާރުވާން ފަށައިފި އެވެ.

ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު "މިހާރު"އަށް މިއަދު ވިދާޅުވީ އެ އިމާރާތުގެ މަސައްކަތްތައް ހުއްޓުނީ ކޮންސްޓްރަކްޝަންގެ ބައި ވެސް ނިމުނު ފަހުން ކަމަށެވެ. އެހެންވެ، ބާކީ ހުރި ކަންކަން ނިންމައި ހަތް ބުރީގެ އިމާރާތް ބޭނުންކުރަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެމިލީ އެންޑް ޗިލްޑްރެން ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ) އަށް ހާއްސަކޮށްގެން، ފުޑް ކޯޓުތައް ކައިރިން ޓީ-ޖެޓީ ކުރިމަތީގައި އިމާރާތެއް ހަދަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް، މިހާރު މަސައްކަތް ހުއްޓިފައި ހުންނަތާ ވެސް ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އާދަމް ޝަރީފު ވިދާޅުވީ އިމާރާތް ބޭނުން ނުކޮށް ގިނަ ދުވަސްވިއަސް، އެ ތަނުގެ ފެންވަރުގެ ރަނގަޅު ކަމަށެވެ.
"ފިނިޝިން މަސައްކަތާ މިނިސްޓްރީން މި ހަވާލުވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިމާރާތް އެއްކޮށް ނިންމަން ހަތް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަމާޒަކީ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުމެވެ.
އެފްސީޕީޑީ މިހާރު ހިންގަނީ، އައިޖީއެމްއެޗާ ޖެހިގެން ހުންނަ އިމާރާތެއްގަ އެވެ. އެ ސަރަހައްދަކީ އާއްމުކޮށް ފެންބޮޑުވާ ހިސާބަކަށް ވާތީ، ވާރޭވެހޭ ދުވަސްވަރު އެފްސީޕީޑީއަށް ވެސް ބޮޑެތި ގެއްލުންތައް ވެ، މަސައްކަތަށް ބުރޫއަރަ އެވެ.