އުނދަގޫވާނެ، އެކަމަކު ޝައުގުވެރި މެޗެއް ފެންނާނެ: ކިރްގިސްތާން ކޯޗު
އުނދަގޫވާނެ، އެކަމަކު ޝައުގުވެރި މެޗެއް ފެންނާނެ: ކިރްގިސްތާން ކޯޗު

މިދިޔަ ދެ އަހަރު ރާއްޖޭން ކުރިއެރުން ހޯދާފައިވާތީ އާއި ރާއްޖެ އަށް ހޯމް އެޑްވާންޓޭޖް އޮންނާނެތީ، އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ރާއްޖެއާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ކަމަށް ކިރްގިސްތާން ޓީމުގެ ކެޕްޓަންް ކިލިޗް ސަރްބަގިޝިއެވް ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައި ކިރްގިސްތާން ވަނީ ރާއްޖެ އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. އެ މުބާރާތުގެ ފައިނަލަށް ކިރްގިސްތާން ދަތުރުކުރިއިރު ފައިނަލުން ބަލިވީ ބަންގްލަދޭޝް އަތުންނެވެ.

"ރާއްޖޭގެ ކުރިއެރުމަށް ބަލާއިރު، މިދިޔަ ދެ މުބާރާތުގައި ވެސް ރާއްޖެ ގަދަ ތިން ޓީމުގެ ތެރޭގައި އޮތް. މިއީ ރާއްޖެ ކުރިއަރަމުން އަންނަ ކަމުގެ ވަރަށް ރަނގަޅަށް ކަމުގެ ނިޝާނެއް. އަނެއްކާ ރާއްޖޭން މި ފަހަރު ތަމްރީން ކޭމްޕެއް ފުރިހަމަކޮށްފި ތައިލެންޑުގައި. އެއީ އޭޝިއާގެ ނިސްބަތުން ވަސީލަތްތައް ވަރަށް ރަނގަޅު ތަނެއް. އެއީ ވެސް ލިބޭނެ ކުރިއެރުމެއް،" ރާއްޖެޓީވީ އަށް ދިން އިންޓަވިއުއެއްގައި، ކިރްގިސްތާން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރަމުން އަންނަ ސަރްބަގިޝިއެވް ބުންޏެވެ.

"އަނެއްކާ ރާއްޖެ މި ކުޅެނީ އަމިއްލަ ގައުމުގައި. އެހެންކަމުން މި މެޗު އެއްގޮތަކަށް ފަސޭހަނުވާނެ."

އޭޏާ ބުނީ ކިރްގިސްތާނަކީ ފިނި ގައުމަކަށްވާތީ އަބަދުވެސް ހޫނު ތަންތަނުގައި ކުޅެން އުނދަގޫ ކަމަށާއި އެހެންކަމުން ރާއްޖެ ފަދަ ހޫނު ގައުމެއްގައި ކުޅެން ޖެހުމަކީ ގޮންޖެހުމެއް ކަމަށެވެ.

"އެކަމަކު އަހަރެން އުއްމީދުކުރަނީ ވަރަށް ޝައުގުވެރި މެޗެއް ފެންނާނެ ކަމަށް. މިދިޔަ ފަހަރު އަހަރެމެން މޮޅުވިޔަސް އަހަންނަށް ޔަގީން މި ފަހަރު ފަސޭހަނުވާނެ ކަމަށް. މޮޅު މެޗެއް ފެންނާނެ ކަމަށް މި ބަލަނީ،" ސަރްބަގިޝިއެވް ބުންޏެވެ.

ރާއްޖެ އާއި ކިރްގިސްތާން ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 16:00 ގަ އެވެ.