16 ޖުލައި 2025 - 11:54

ދައުލަތުން ހިލޭ ބޭސްފަރުވާ ކުރެވޭ ސްކީމް، އާސަންދަށް ވޭތުވެދިޔަ ހަ މަސް ތެރޭ ބިލިއަނެއްހާ ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންްސް މިނިސްޓްރީން ނެރޭ ހިސާބުތަކުން ދައްކާ ގޮތުން އާސަންދައަށް ވަނީ 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެއީ މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ 60 ޕަސެންޓެވެ.
މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ހިމަނާފައި ވަނީ 1.8 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް 980 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އަދި އަހަރު ނިމުނު އިރު 2.4 ބިލިއަން ރުފިޔާ އާސަންދަ ބަޖެޓަށް ހޭދަކޮށްފައިވެ އެވެ.
އެއީ އެ އަހަރު ފުރަތަމަ ކަނޑައެޅި ބަޖެޓަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާސަންދަ އަށް 2023 ވަނަ އަހަރު ވަނީ 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
އާސަންދައިގެ ހަރަދުތައް ހިނގާ ގޮތުން، ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އާސަންދައަށް 2013 ވަނަ އަހަރު ހޭދަ ކުރީ ބިލިއަނެއްހާ ރުފިޔާ އެވެ. އެކަމަކު މިހާރު އެ އަދަދު މިވަނީ އޭގެ ދެ ގުނަ އިތުރުވެފަ އެވެ.
ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި އާސަންދައަށް ކުރާ ހޭދަ 2014 އިން 2019 ވަނަ އަހަރަށް 18 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އެކަމަކު އާސަންދަ ބޭނުން ކުރާ މީހުންގެ އަދަދު އެ މުއްދަތުގައި އިތުރުވީ އެންމެ ތިން ޕަސެންޓަށެވެ. އާސަންދަ ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވި ވަރާ ނުބައްދަލު އަދަދަކަށް އެ ސްކީމުގެ ހަރަދުތައް އެހާ ބޮޑަށް އިތުރުވީ ބޭހުގެ ހަރަދާއި ސިއްހީ ހިދުމަތްތަކުގެ އަގުތައް އިންތިހާއަށް އުފުލުމުންނެވެ.
ވޭތުވެދިޔަ ފަސް އަހަރު އާސަންދައަށް ވަނީ 9.2 ބިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްފަ އެވެ. އާސަންދައަށް ކުރާ ހޭދަ އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން ދާތީ އެކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދަން ބޭރުގެ މާލީ އިދާރާތަކުން އަންނަނީ އަންގަމުންނެވެ. އެކަމަށް ހައްލުތަކެއް ހޯދުމަށް މިއަހަރަށް ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް ކަނޑައެޅި ނަމަވެސް، އާއްމުންގެ ކަންބޮޑުވުންތައް ހުރެގެން ސަރުކާރުން ވަނީ އެ ފިޔަވަޅުތައް މަޑުޖައްސާލައިފަ އެވެ.