16 ޖުލައި 2025 - 10:47

ބޮލީވުޑްގެ އެކްޓްރެސް ކިއާރާ އަދުވާނީ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ސިދާތު މަލްހޯތުރާއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
ސިދާތުގެ ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބުނުކަން އެ ދެމީހުން މިއަދު ހެނދުނު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އިއުލާންކޮށްފަ އެވެ.
"ވީ އާ ބްލެސްޑް ވިތު އަ ބޭބީ ގާލް،" ކިއާރާގެ ޕޯސްޓުގައި ބުންޏެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ކިއާރާ ވިހެއީ ރޭގަ އެވެ. ދެމައިންގެ ހާލު ވެސް ރަނގަޅެވެ. އޭނާ ވިހެއީ މުމްބާއީގެ ގިރަގޮންގައި ހުންނަ ހޮސްޕިޓަލެއްގަ އެވެ.
ސިދާތު އާއި ކިއާރާއަށް ކުއްޖަކު ލިބޭކަން އެ ދެމަފިރިން އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.
އެ ދެމީހުން ކައިވެނިކުރީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ވިހެއުމަށް ފަހު ކިއާރާ ދެން އެންމެ އަވަހަށް ފަށާނީ، އޭނާ މިހާރު ކުޅެން އެއްބަސްވެފައިވާ ކުރީގެ މަޝްހޫރު ބަތަލާ އަދި އިންޑިއާ ސިނަމާގެ އެންމެ މޮޅު ތަރިންގެ ގޮތުގައި ފާހަގަކުރެވުނު އެކަކު ކަމަށްވާ މީނާ ކުމާރީގެ ބަޔޮޕިކް ފިލްމުގެ މަސައްކަތެވެ.
ސިދާތުގެ އާ ފިލްމެއް މިހާރު އޮތީ ސިނަމާ ގެންނަން ތައްޔާރަށެވެ. އެއީ ރޮމޭންޓިކް ކޮމެޑީ "ޕަރަމް ސުންދަރީ" އެވެ. މި މަހު ރިލީޒްކުރާ ގޮތަށް އޮތް އެ ފިލްމު މިހާރު ވަނީ އަންނަ މަހަށް ފަސްކޮށްފަ އެވެ.