22 މާޗް 2017 - 10:30

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަޖިލީހުގައި ކަންތައް ކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން، އެމަނިކުފާނު މަގާމުން ވަކިކުރަން ތާއީދުކުރައްވައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންތަކެއް ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯއެއް ރޭ ލީކުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލައިފައިވާ އެ އޯޑިއޯގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ކަމަށް ބެލެވޭ ބޭފުޅަކާ އެކު އިތުރު މެމްބަރުންތަކެއް ވާހަކަ ދައްކަވާ އަޑު އިވެ އެވެ. އެކަމަކު ނިހާން ފޯނު ނުނަންގަވާތީ، އެ އޯޑިއޯ އާ ބެހޭ ގޮތުން އޭނާގެ ބަހެއް ނުލިބުނެ އެވެ. އަދި އެ އޯޑިއޯގައި ދެން ހިމެނެނީ ކިތައް މެމްބަރުން ކަމެއް ވެސް، އަދި އެއީ ކޮން މެމްބަރުންނެއް ކަން ވެސް އަދި ޔަގީނެއް ނޫނެވެ.
ބެލެވޭ ގޮތުގައި، އެ އޯޑިއޯ އަކީ މަދު މެމްބަރުންތަކެއް ހިމެނުނު ބައްދަލުވުމެއްގައި ދެކެވުނު ވާހަކަތަކެކެވެ.
އެ އޯޑިއޯގައި އެއް މެމްބަރަކު ވިދާޅުވަނީ "މަސީހާ އެއްކޮޅަށް ވޯޓު ދޭން ވަރަށް އުނދަގޫ" ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އެ މެމްބަރު ވިދާޅުވަނީ، އެއީ މަސީހުގެ ފަރާތްޕުޅުން "ދެ އަހަރާއި ބައިގެ ތެރޭގައި އެއްވެސް އެހީތެރިކަމެއް ނުލިބުން" ކަމަށެވެ.
އެ މެމްބަރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ނިހާން ވިދާޅުވަނީ "އަހަރެމެން އެހެން ހަދައިފިއްޔާ، އަހަރެމެންގެ މީހާ ވެއްދޭނެ ސައްތައިން ސައްތަ ޔަގީންކަމެއް ނެތް" ކަމަށެވެ. އެ މާނަކުރެއްވީ، ބޭނުންވާ ބޭފުޅަކު މަޖިލީހުގެ ރައީސް ކަމަށް ގެންނަން އުނދަގޫވުން ކަމަށް ވެސް ދެއްކެވި ވާހަކަތަކުން ދޭހަވެ އެވެ.
އެހެންވިދާޅުވުމާ އެކު އެހެން މެމްބަރަކު ވިދާޅުވަނީ "އެ ޔަގީންކަން ހޯދާނީ" ކަމަށެވެ.
މަސީހު މަގާމުން ވަކިކޮށް، އެހެން ބޭފުޅަކު ރައީސް ކަމަށް ގެނެވޭ ގޮތަށް ގަވާއިދު އިސްލާހު ކުރަން ވެސް އެއް މެމްބަރަކު ހިޔާލު ދެއްވަ އެވެ.
މި އޯޑިއޯ ލީކުވެފައި މިވަނީ، މަސީހްގެ ވޯޓަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ތައްޔާރުވަމުން ދަނިކޮށެވެ. އަންނަ ހޯމަ ދުވަހަށް ޝެޑިއުލްކޮށްފައިވާ ވޯޓާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން ވަނީ، ހޯމަ ދުވަހުގެ ރޭ މެމްބަރުންނާ މަޝްވަރާ ކުރައްވައިފަ އެވެ. ސަރުކާރު ކޯލިޝަންގައި ޕީޕީއެމްގެ 48 މެމްބަރުންނާއި އެމްޑީއޭގެ ހަތް މެމްބަރުންނާ އެކު ޖުމްލަ 55 ހިމެނޭއިރު އެ ބައްދަލުވުމަށް މީގެތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުން ވެސް ވަޑައިނުގަންނަވާ ކަމަށް ބުނެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.
މި ފާޑުކިއުންތައް ދިފާއުކުރައްވައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ސަރުކާރު ކޯލިޝަންގެ އެންމެ ވޯޓެއް ވެސް މަސީހާ ދެކޮޅަށް ނުލިބޭނެ ކަމަށެވެ. އެ ވޯޓާއެކު އިދިކޮޅު ފަރާތްތައް ރައްޔިތުންގެ ކުރިމަތީގައި އިތުރަށް ފަޟީހަތްވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް މަސީހް ވަކިނުކުރެވޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވިދާޅުވާއިރު، އެ ވޯޓުގައި އިސްކޮށް އުޅުއްވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ވިދާޅުވީ މަސީހް ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ލިބިފައިވާ ކަމަށެވެ. އެ ވޯޓުގައި މަސީހް މަގާމުން ދުރުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.