16 ޖުލައި 2025 - 06:47

(އާދިއްތަ ދުވަހާ ގުޅޭ)
"ވަޓް؟" ނާސިފު ބުނި އަޑު އަދީލަށް އިވުނެވެ. "ކޯމާ؟"
"ކޯމާ؟" އަދީލަށް ވެސް ބުނެވުނެވެ.
ޑަކުޓަރު ހަމަ އެކަނި ބުނީ ކޯމާގެ ވާހަކައެއް ނޫނެވެ. ހިތްހުއްޓުމުގެ ފުރުސަތު ވެސް ވަރަށް ބޮޑުކަމުގައި ބުންޏެވެ. ނާސިފުގެ ފޯނު ނިންމާފައި އަދީލް ގުޅީ ހިބާގެ މައިންބަފައިންނަށެވެ. އާއިލާގެ އެކަކަށް ވެސް އެ ވާހަކަ ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ގޭތެރެއަށް ވެރިވީ ހިތްދަތިކަމާއި ހާސްކަމާއި، ނުތަނަވަސްކަމެވެ. އިރުކޮޅަކުން ފުލުސް އޮފީހުން ގުޅިއެވެ. ތަހުގީގުގެ ދުވެލި ހަލުވި ކުރުމަށް ޓަކައި ޓީމެއް ފުރާ ވާހަކަ އާއި އާއިލާއިން ދާން ބޭނުންވާ ދެ މީހަކަށް ފުރުސަތު އޮތްކަމުގައި ވެސް ބުންޏެވެ.
ނާސިފު ހޮޓަލަކަށް ނުދެއެވެ. ހިބާ ކޯމާގައި އޮތަސް، ދެކިލަން ފުރުސަތެއް ލިބިދާނެ ކަމަށް ހޮސްޕިޓަލުގައި މަޑުކުރީއެވެ. އަދީލް ވެސް އެދުނީ އެ ގޮތެވެ.
"އެނގޭ ނާސިފު ކިހާ ބޭނުން ނުވާނެކަން ވެސް،" ފަހުން ގުޅާފައި އަދީލް ބުންޏެވެ. "ކޯސް ކަޓުވާލަން ބޭނުން ނުވާނެކަން ވެސް އެނގޭ. ހިބާގެ ބޭބެ ބަލިވެ އުޅޭތީ އޭނަ އެކަނި މަޑުކުރީ. އެންމެ އަވަހަށް ފުރާ ފުލައިޓަކުން ހިބާގެ މައިންބަފައިން ދާނެ. ޕޮލިހުން ވެސް އެބަ ދޭ! އެ މީހުން ދިޔައިމަ ރަނގަޅުވާނެ ނާސިފު ނައްޓައިލިޔަސް."
އަދީލަށް ނޭނގުނަސް، ހިބާ ދޫކޮށްލާފައި ދާކަށް ނާސިފު ގަސްތެއް ނުކުރެއެވެ. ހޮސްޕިޓަލުގެ ގޮނޑިތަކުގައި ނިދަން ޖެހުނަސް، ކެންޓީނުން ކާންޖެހުނަސް ވެހެވެ. ނާސިފު ހުރީ، ހިބާއަށް ލިބުނު ދެރައިގެ ފުރިހަމަ ޒިންމާ ބޮލުގައި އަޅައިގެންނެވެ. ކެންޓީނަށް ގޮސް ކޮފީއެއް ބޯލައިގެން، ނަރުސް ދިން ލިސްޓަށް ސާމާނު ހިފައިގެން ނާސިފު އައެވެ. ސާމާނުތައް ނަރުސްކުއްޖާއާ ހަވާލުކޮށްފައި ގޮނޑީގައި އިށީނދެލިއެވެ. އެއީ ނިދިޔަ ނުދޭން ހަދާފައިވާ ގޮނޑިތަކެއްކަން ނާސިފަށް ކަށަވަރެވެ. ހަރުކަމުންނެވެ. ހިތްވަރުގަދަ މީހަކު ގުގުރިދަމަން އޮތެވެ. އެ އަޑު އެންމެ މަޑުވާނެހެން ހީވާ ހިސާބުގައި ނާސިފު އިށީނދެލިއެވެ. ނާސިފަށް އުނދަގޫވީ ގުގުރިދަމާ އަޑާ ހެދިއެއް ނޫނެވެ. އެ އަޑު މެދުނުކެނޑޭތީއެއް ވެސް ނޫނެވެ. އެ އަޑާއި ރާހިލްގެ އަޑާ ވައްތަރު ވާތީއެވެ. އެންމެ ފަހުން ރާހިލްއާ ބައްދަލުކުރި ރޭ، ނިދެމުން ގޮސް ރާހިލް ގުގުރިދަމަން ފެށިއެވެ. އެ ރޭ ހިނގައިދިޔަ ކަންތައްތަކުގެ ހަނދާންތަކުން ނާސިފުގެ ސިކުނޑި ތޮއްޖެހެން ފެށިއެވެ. ކުއްލިއަކަށް ފެނުނީ ރާހިލް ލޯ ހުޅުވައިލި ތަނެވެ.
"ކޮން އަޑެއް އެ އިވުނީ؟" އަމިއްލަ ގުގުރީގެ އަޑަށް ހޭލި ރާހިލް އެހިއެވެ.
"ކަލޭ ގުގުރިދަމާ އަޑު." ނާސިފު ބުނެލިއެވެ.
"އަހަރެން މީ ގުގުރިދަމާ މީހެއް ނޫން،" ރާހިލް ހިތްހަމަނުޖެހިފައި ބުންޏެވެ. "އެއްވެސް ބިޓެއް ނުބުނޭ އަހަރެން ގުގުރިދަމާ ވާހަކައެއް. ކީއްވެ ކައޭ ދޮގު ހަދަނީ؟"
"އަހަރެންތަ ދޮގު ހަދަނީ؟" ރުޅި އައިސްފައި ނާސިފު ބުންޏެވެ. "ރާހިލް ކައިރީގަ މި އަހަނީ ކީއްވެގެންހޭ ލޯބިނުވާ އިރު ހިބާއާ މެރީ ކުރަން ތި އުޅެނީ؟ އެކި ފަހަރު އެކި ޖަވާބެއް ނު ތި ދެނީ."
ރާހިލް ހޭން ފެށިއެވެ. ފޯނު ނަގާފައި ފޮޓޯއެއް ދައްކައިލިއެވެ. އެއީ ހިބާ އާއި ނާސިފު ނެގި ސެލްފީއެވެ. ކޮންމެވެސް ގޮތަކުން ރާހިލް އޮތީ އެ ފޮޓޯ ހޯދައިފައެވެ.
"ކައޭ އަސްލު ހިބާ ދެކެ ވަރަށް ލޯބިވޭ ދޯ؟" ރާހިލް ސުވާލު ކުރިއެވެ. "އެއް ފަހަރު ވެސް ކައޭ ކީއްވާނީ ތެދު ހަދަން؟ އަހަރެން މިހާރު އޭނައަކަށް އެއްވެސް އިންޓްރަސްޓެއް ނެތް. ހިނގާ ޑީލެއް ހަދަމާ! ހިބާ ވިއްކަފާނަމޭ! ގެނޭ ވަން ތައުޒަން... ޑޮލަރު."
ނާސިފު ގާތަށް ވަރަށް ރުޅި އައެވެ. ހިތަށް އެރިއެވެ. އަގެއް ކިޔާފައި ގަންނަން ހިބާއަކީ މުދާގަނޑެއް ނޫނެވެ.
"އެންމެ ތައުޒަންއެއް؟ ހިބާއަކީ ހަމަ އެހާ ޗީޕް ކުއްޖެއް؟" ނާސިފު އެހިއެވެ. "ކަލޭ ހާދަ މޮޔައޭ އިނގޭ! ޓެން ތައުޒަން ބުނި ނަމަވެސް އަހަރެން ދިނީމުހޭ! އެކަމަކު ކަލެއަކަށް އަހަރެން ޓްރަސްޓެއް ނުކުރާނަން. އަނެއްކާ ދުވަސްކޮޅަކުން ގުޅާފަ ބުނެފާނެ އަދި އެއް ތައުޒަން ދޭށޭ!"
"ކައެއަށް އަހަރެން ހަމަ ސެލިއުޓް ކުރަން،" ރާހިލް ސެލިއުޓް ނަގަމުން ބުންޏެވެ. "ތިއޭ އަސްލު އަހަރެންގެ ޑީލަކީ. އޭރުން ކައެއަށް ގެރެންޓީ އޮންނާނެ އަހަރެންގެ އުނދަގޫ ނުޖެހޭނެކަން. މަހަކު ތައުޒަން ލިބިލިބި އޮއްވާ މަ ވެސް އެ ދޫކޮށެއް ނުލާނެއްނު. ކިހާ ސަޅި ޑީލެއް؟ އޭރުން ޗީޕެއް ވެސް ނުވިއެއްނު!"
"ޑަން!" ނާސިފު ވަގުތުން އެއްބަސްވިއެވެ. "ފުރަތަމަ ޕޭމަންޓް އަހަރެން ދޭނަން މިރޭ. މާދަން ހެނދުނުވާ އިރު ކަލޭ މި ހޮޓެލް ކީއްކުރަން އިންޑިޔާއިން ވެސް ފެނިގެން ނުވާނެ. މާލޭގަ ވެސް ކަލޭ އުޅެގެން ނުވާނެ. ޖެހޭނީ ގެއްލެން. މަ ދޭނަން މަހަކު ޓޫ ތައުޒަން. ޑީލް؟"
"ޑީލް!" ރާހިލް އުފަލާ އެކު އެއްބަސްވިއެވެ.
ފޯނު ރަނގަބީލުވުމާ އެކު ނާސިފު ހިޔާލުން އެނބުރި އައެވެ. ގުޅީ ރާހިލްއެވެ. އެ ކަން އެނގުނު ނަމަ އެ ވަގުތު ނާސިފު އެ ފޯނެއް ނުނެގީހެވެ.
"ހިބާއަށް ކިހިނެއްވީ؟" ރާހިލް އެހިއެވެ. "އައިސީޔޫގަ އޮތް ވާހަކަ އަޑުއެހިން."
"ކަލޭ ނުޖެހޭނެ މިހާރު އެ ކަހަލަ ވާހަކަ އަޑުއަހާކަށް،" ނާސިފު ބުންޏެވެ. "އޭނަ އޮތީ ކޯމާގަ. ކަލެއާ ހެދި އޭނަ ކޯމާއަށް ދިޔައީ ވެސް. ކަލޭ އޭނައަށް ތެދުވެރިވި ނަމަ އޭނަ ދެކެ ލޯބިވި ނަމަ ނުޖެހޭނެ މިހެން ވާކަށް. ކިހާ ހެޕީކޮށް އުޅުނު ކުއްޖެއް އެއީ. އަހަންނަށް ޔަގީން އަހަރެންގެ ފޯނު މިހާރު ޕޮލިހުން ހުންނާނީ ޓެޕްކޮށްފަ. ކަލެއާ ވާހަކަ ދެއްކިކަން އެނގިއްޖެއްޔާ ވަރަށް ފަނިވާނެ. ދެން ނުގުޅައްޗޭ!"
"އޭރުން ޑީލް.." ރާހިލް ބުންޏެވެ.
"ކަލޭ މައިތިރިވެބަލަ!" ނާސިފު ބުންޏެވެ. "ފޯނުން ފާޑުފާޑުގެ ވާހަކަ ދައްކަން ހަދައިގެން ކަލެއަށް ހުރިހާ ގެއްލުމެއް ވާނީ އިނގޭ! ބާއްވާ ފޯނު."
ރާހިލް ވާހަކަ ދައްކަދައްކާ ހުއްޓައި ނާސިފު ފޯނުކަ ނޑައިލިއެވެ. ރާހިލްގެ އެ ނަންބަރުން ނާސިފަށް ނުގުޅޭނެ ގޮތް ހެދިއެވެ. ގޮނޑިން ތެދުވެ ދެކޮޅަށް ހިނގައިލި ތަނައި ނަރުސް ކުއްޖަކު އަންނަ ތަން ފެނުނެވެ. އޭނަގެ މިސްރާބު ހުރީ އައިސީޔޫއާ ދިމާއަށެވެ.
"އެކްސްކިއުޒް!" ނާސިފު ގޮވައިލިއެވެ.
ނަރުސް ކުއްޖާ ހުއްޓުމުން ނާސިފު ގޮސް ބައްދަލުކުރިއެވެ.
"މި ތާ އޮތް ބަލިމީހަކާ ބައްދަލު ކޮށްލެވިދާނެ؟" އިނގިރޭސިން ނާސިފު ބުންޏެެވެ.
ނާސިފު ނަން ބުނުމުން ނަރުސް ކުއްޖާ އެތެރެއަށް ވަދެފައި، އެތައް އިރެއް ކޮށްފައި ނުކުތެވެ.
"ކޯމާގަ އޮތް ބަލިމީހާ؟" ނުފަރިތަ އިނގިރޭސިއަކުން ނަރުސްކުއްޖާ އެހިއެވެ. "ތީ ކާކު؟ އާއިލާ މީހެއްތަ؟"
"ރައްޓެއްސެއް،" ނާސިފު ތެދަށް ބުންޏެވެ. "ހަމަ ވަދެލާފަ ނުކުންނާނަން."
ނަރުސް ކުއްޖާ އެއްބަހެއް ނުވިއެވެ. އެތައް ބަހަނާއެއް ދެއްކިއެވެ. ފުލުހުން ބަލާ މައްސަލައަކަށް ވީމައެވެ. ހިބާ ކޯމާގައި އޮތީމައެވެ. ބަލި މީހުންނަށް ޒިޔާރަތްކުރާ ގަޑި ނޫން ވީމައެވެ. އެތައް ވާހަކައެއް ދައްކައިގެން ވެސް އެ ކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން ނާސިފު އެއް ހާސް ރުފިޔާ ނަގާފައި، ސިއްރުސިއްރުން ދިއްކޮށްލިއެވެ.
"މާ ގިނަ އިރެއް ނުވާނެ،" ނާސިފު ބުންޏެވެ. "އެއް މިނެޓު ވެސް އޯކޭ!"
ވަގުތުން ހުއްދަ ލިބުނެވެ. މި ކުރެވެނީ ކިހައި ވަރެއްގެ ކަމެއް ކަން ނޭނގި ނާސިފު އެތެރެއަށް ވަނެވެ. އެ ތަނުގައި ދެތިން މީހަކު އޮތެވެ. ހިބާ އޮތް އެނދު ފިޔަވައި އެހެން ކޮންމެ އެނދެއް ކައިރީގައި ވެސް ނަރުހުން އުޅެއެވެ. ހިބާ އޮތް ތަން ވަރަށް ފަޅެވެ. ފާޑުފާޑުގެ ހޮޅިތަކާއި ނަރުތައް ގުޅާފައި ހުއްޓެވެ. އެކި ކަހަލަ އަޑުތައް އިވިއިވި ހުއްޓެވެ. އޮކުސިޖަން މާސްކު އަޅާފައި އޮތުމުން ހިބާގެ މޫނުން ފެންނަނީ ކުޑަ ތަންކޮޅެކެވެ. އެހެނަސް، އެ މޫނުން ކިޔައިދޭ ވާހަކަތައް ވަރަށް ގިނައެވެ. ކުރި ސުވާލުތައް ވެސް އެހައިމެ ގިނައެވެ. ހެމުންހެމުން ހިބާ ދައްކައިފައިވާ އެކި ވާހަކަތައް ނާސިފުގެ ހަނދާނަށް އައެވެ. މި ހެދުން ރީތި ހެއްޔެވެ؟ އަހަރެން ލޯބި ހެއްޔެވެ؟ އެއާޕޯޓުން ދިމާވި ދުވަހު، ފޮށި ދަމަމުން، ފުންނާބު އުސް ފައިވާނުން އަޑު ގޮއްވަމުން އައިސް އައްސަލާމް އަލައިކުމް ބުނި ވަގުތު ވެސް ނާސިފުގެ ހަނދާނަށް އައެވެ. އަޅުގަނޑަށް ތި ސީޓު ލިބިދާނެތޯ ހިބާ އެހި ދަނޑިވަޅު ވެސް ހަނދާންވިއެވެ. މަތިންދާބޯޓު ތެޅިގަތުމުން ނާސިފުގެ އަތުގައި ހިފި ވަގުތާއި އަހަރެން ވަރަށް ބިރުގަނެއޭ ބުނި ވަގުތެވެ. ހީވަނީ ބައްޕައާ ވާހަކަ ދެއްކޭހެންނޭ ބުނި ދުވަހާއި އަހަރެން ކައިރީ ކަމަކު ބުނާ ދުވަހަކުން އަހަރެން ވެސް ހަމަ ތިހެނޭ ބުނާނީ ބުނި ދުވަހެވެ. ކޯމާގައި އޮތް ހިބާ ލޯ ހުޅުވިހެން ވެސް ނާސިފަށް ހީވިއެވެ.
"އަހަރެން މި ތަނުން ނެރޭ!" އާދޭހާ އެކުގައި ހިބާ އެދުނެވެ. "ޕްލީޒް! މި މާސްކު ނަގައިދީބަލަ! ނޭވާ ހާސްވަނީ."
ނާސިފަކީ ވެސް ނޭވާގެ މައްސަލަ ހުންނަ މީހެކެވެ. ވަގުތުން އުނދަގޫވާން ފެށިއެވެ. ގަދަކަމުން ނޭވާލެވެން ފެށިއެވެ. ކޮޅަށް ހުންނަން އުނދަގޫވާން ފެށިއެވެ. ތަން އެނބުރޭހެން ވެސް ހީވާން ފެށިއެވެ.
"އަޅެ އަހަރެން މި ތަނުން ނެރިބަލަ!" ހިބާގެ އަޑު އޭރު ވެސް ނާސިފަށް އިވޭހެން ހީވިއެވެ.
ކާލި އަޅަމުން ނާސިފު އެ ތަނުން ނުކުތެވެ. އެހެނަސް، ހިބާގެ އަޑެއް ނުކެނޑުނެވެ. ވަކީން ހާއްސަކޮށް، ނޭވާ ހާސްވަނީއޭ ހިބާ ބުނިބުނުމެވެ. އައިސީޔޫއިން ނުކުމެ، ގޮނޑީގައި އިށީނދެގެން އެތައް އިރަކު ނާސިފު އިނެވެ. ދެން އިވެން ފެށީ ހިބާ ހޭއަޑެވެ. ނާސިފު ވަށައިގެން ހޯދަން ފެށިއެވެ. އެ ތަނުގައި ހިބާ ނުހުންނާނެ ކަމާއި އެއީ ކުށްހީއެއްކަން އެނގޭ އިރު ވެސް، އަޑުއަންނަލެއް ބާރުކަމުން އެ ދިމާއަކަށް ބަލައިނުލައެއް ނާސިފަކަށް ނީނދެވެއެވެ.
"އަހަންނަށް ކިހިނެއް މި ވަނީ؟" ހިތާހިތުން ނާސިފަށް ބުނެވުނެވެ.
އެ ހޮސްޕިޓަލުގައި، ބަލިމީހުންގެ އެހީތެރިންނަށް ކުއްޔަށް ދޭ ކޮޓަރި ހުރެއެވެ. ވަރަށް ކުދި، އާދައިގެ ކޮޓަރިއެވެ. އެ އިން ކޮޓަރިއަކަށް ނާސިފު ބަދަލުވިއެވެ. އަރާމު ކޮށްލުމުގެ ނިޔަތުގައެވެ. ނިންޖެއް ނައެވެ. ވިސްނަން އޮވެވުނީއެވެ. ހިތަށް އެރިއެވެ. އަހަންނަށް އަބަދު ވެސް މިހެން ދިމާވަނީ ކީއްވެގެން ހެއްޔެވެ؟ ޖޮއޭން އާއި އެލިޒަބަތު ވެސް ވަކިވީއެވެ. ހިބާ މަރާ ހަނގުރާމަ ކުރަނީއެވެ. ލޯބިވާ ކޮންމެ މީހަކު ނާސިފުއާ ދުރަށް ދަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަކީ ހަމަ އެހައި ބަދުނަސީބު މީހަކީ ހެއްޔެވެ؟ އެ ކަހަލަ ފިކުރެއްގައި އޮއްވައި ނިދިޖެހިލި ވަގުތު ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅީ ނަރުސްކުއްޖެކެވެ.
"ވަރަށް އަވަހަށް އައިސީޔޫއަށް އާދޭ!" އޭނަ އެދުނެވެ.
ނާސިފު ތެޅެމުންފޮޅެމުން ކޮޓަރިން ނުކުތެވެ. އޭރު ނަރުސްކުއްޖަކު ނާސިފުގެ އިންތިޒާރުގައި ދޮރުމަތީގައި ހުއްޓެވެ. ނާސިފު ގެންދިޔައީ ޑަކުޓަރުގެ ކޮޓަރިއަށެވެ.
"އިށީނދޭ!" ޑަކުޓަރު އެދުނެވެ.
ނާސިފު މަޑުމަޑުން އިށީނެވެ. ޑަކުޓަރު ކުރިމަތީގައި އޮތީ ހިބާގެ ފައިލެވެ.
"އައި އޭމް ސޮރީ!" ޑަކުޓަރު ބުންޏެވެ. (ނުނިމޭ)