15 ޖުލައި 2025 - 19:30

ބ. ކަމަދޫން މުޅި ރާއްޖެ އަށް މަޝްހޫރުވި ނެށުންތެރިޔާ އާމިނަތު ޒާރާ އާއި މަޝްހޫރު ވިޔަފާރިވެރިޔާ ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ކައިވެނި އަހަރެއް ވެސް ނުވަނީސް ރޫޅާލައިފި އެވެ.

އުމުރުން 55 އަހަރުގެ ސިޔާމް އާއި 23 އަހަރުގެ ޒާރާގެ ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
އެމްޑީއޭގެ މެމްބަރު އަދި ސަން ސިޔާމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް (ވެލިދޫ އައްބާސް) ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އެކަން ކަށަވަރު ކޮށްދެއްވި އެވެ.
އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު ސިޔާމް އާއި ޒާރާ ކައިވެނި ކުރެއްވީ އެކަކު އަނެކުން ދެކެ ލޯބިވެގެން ކަމަށެވެ. އަދި ކައިވެނި ރޫޅާލެއްވީ ވެސް ދެ ބޭފުޅުންގެ މެދުގައި ރީތި ގޮތުގައި މަޝްވަރާ ކުރެއްވުމަށް ފަހު، ސުލްހަވެރިކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ފަހުގެ ތާރީހުގައި އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު އެ ކައިވެނީގެ ރަނަކީ 2،024ރ. އެވެ.
ސިޔާމް އާއި ޒާރާގެ ރަން ކިޔުމުގެ ހަފްލާ އާއި ކައިވެނީގެ މުނާސަބަތުގައި ދެ ހަފްލާ ބޭއްވި އެވެ. އެއީ ކަމަދޫގަ އާއި ސިޔާމްގެ އޮޅުވެލި ރިސޯޓުގަ އެވެ.
ސިޔާމް، ޒާރާއާ ކައިވެނި ބައްލަވައިގެންނެވިއިރު ވެސް ހުންނެވީ މޮރޮކޯގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވެ. އެ ކައިވެނި އަދިވެސް އެ ގޮތުގައި ދެމިއެބައޮތެވެ.