15 ޖުލައި 2025 - 17:50

ކުރިއަށް އޮތް ދިރާސީ އަހަރު މާލެ ސަރަހައްދުގެ ޕްރީ ސްކޫލާއި ގްރޭޑް އެކަކަށް ކުދިން ވައްދަން ބޭނުން ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެލްކޭޖީ އާއި ޔޫކޭޖީ އަދި ގްރޭޑް 1 އަށް ކުދިން ވެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ގްރޭޑް އެކަކުން ކުރިން ޖާގަ ދެނީ އެ އަހަރެއްގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހަށް އުމުރުން ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ. ނަމަވެސް މި ފަހަރުގެ ދިރާސީ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރުމުން މިދިޔަ ދެ އަހަރު، ގްރޭޑް އެކަކަށް ވެއްދީ ޑިސެމްބަރުގެ ނިޔަލަށް އުމުރުން ހަތް އަހަރު ފުރިފައިވާ ކުދިންނެވެ.
ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތާ ގުޅޭގޮތުން މިދިޔަ އަހަރު ޖެނުއަރީގައި މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން، ގްރޭޑް އެކަކަށް ވެއްދުމުގައި ބަލާނީ ޑިސެމްބަރު 31 ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި މަހު 24 ގައި ފުރަތަމަ ޓާމު ޗުއްޓީ އަށް ދެ ހަފްތާ ލިބޭނެ އެވެ. ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު 10 ގަ އެވެ. މިހާރު ފަށާފައިވާ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގަ އެވެ.
ސްކޫލްތަކަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27، 2026 އާ ހަމައަށެވެ.