15 ޖުލައި 2025 - 15:33

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް އިދުރީސް ފައުޒީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޖޭއެސްސީގައި މިހާރު އާންމުންގެ ތެރެއިން ކަނޑައަޅާފައި ހުންނަވާ މެމްބަރު އައިމިނަތު އުއްމުކުލްސުމްގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން މަޖިލީހުން މިދިޔަ މަހު ހުޅުވާލުމުން އަށް ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން، 75 އަށް ވުރެ މަތިން މާކްސް ލިބުނު ހަތަރު ބޭފުޅެއްގެ ނަން، ޖުޑީޝަރީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ.
އެ ބޭފުޅުންގެ ތެރެއިން، އިންޓަވިއުގައި އެންމެ މަތިން މާކްސް ލިބުނު އިދުރީސް އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އޭނާ މި ވަގުތު ހުންނެވީ ލ. ކަލައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.
ޖޭއެސްސީގައި ތިއްބަވަނީ އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.