ޝްވެއިންސްޓެއިގާ އެމެރިކާގެ ޝިކާގޯ ފަޔާއަށް
ޝްވެއިންސްޓެއިގާ އެމެރިކާގެ ޝިކާގޯ ފަޔާއަށް

ޝިކާގޯ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 22) – މެންޗެސްޓާ ޔުނައިޓެޑުގެ ޖަރުމަން މިޑްފީލްޑަރު ބަސްޓިއަން ޝްވެއިންސްޓެއިގާ އެމެރިކާގެ މޭޖާ ލީގުގެ ޝިކާގޯ ފަޔާއާ ގުޅެން ނިންމައިފި އެވެ.

ޔުނައިޓެޑުން ސީޒަން ނުނިމެނީސް އޭނާ ދޫކޮށްލަން އެއްބަސްވެފައިވާއިރު، މެޑިކަލް ޓެސްޓުން ފާސްވެ އަދި ވީސާ ލިބުމާ އެކު ޝްވެއިންސްޓެއިގާ ޝިކާގޯއާ އެކު އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.

"މެންޗެސްޓާ ޔުނައިޓެޑުގައި ތިބި އެތައް އެކުވެރިންނަށް ދޫކޮށްލަން ޖެހުމުން ދެރަވޭ. އެކަމަކު މި ތަޖުރިބާކުރަން އަހަންނަށް ފުރުސަތު ދިނީތީ ކްލަބަށް ޝުކުރުއަދާކުރަން،" ޝްވެއިންސްޓެއިގާ ބުންޏެވެ. "މި ކްލަބުގެ ކޯޗާއި ކުޅުންތެރިންނާއި ސްޓާފުންނާ އެކު އަހަރެން ހޭދަކުރީ ހިތްހަމަޖެހޭ ދުވަސްތަކެއް. އެކަމަކު އަހަރެން ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވޭ ކްލަބުގެ ސަޕޯޓަރުންނަށް."

ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޝްވެއިންސްޓެއިގާ 2015 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވީ ޖަރުމަނުގެ ބަޔާން މިއުނިކާ އެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. ލުއީ ވެން ހާލް ޔުނައިޓެޑަށް ގެނައި ކުޅުންތެރިޔާ އަށް ހޯސޭ މޮރީނިއޯ ހަވާލުވި ފަހުން ފުރުސަތެއް ނުލިބެ އެވެ. އެހެންވެ އޭނާ މިދިޔަ އަހަރު ވެސް ޝިކާގޯ ފަޔާއާ ވާހަކަދެއްކި އެވެ. އެކަމަކު އޭރު އޭނާ ނިންމީ މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑުގައި މަޑުކުރާށެވެ. އެކަމަކު ފަހުން ވެސް ޔުުނައިޓެޑުން ފުުރުސަތެއް ނުލިބުމުން ކްލަބް ބަދަލުކުރަން ނިންމީ އެވެ.