15 ޖުލައި 2025 - 12:21

ރާއްޖޭގައި ޒަމާނީ ސިނަމާއެއް ހުޅުވުމަށް ބޭރުގެ އިންވެސްޓަރަކާއެކު މަޝްވަރާކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ރޭ ވިދާޅުވެއްޖެ އެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "އަހާ ފޯރަމް"ގައި ރޭ މީހަކު ވަނީ ދިވެހި ފިލްމު އަޅުވަން ރާއްޖޭގައި ހުރި ހަމައެކަނި ސިނަމާ ކަމަށްވާ އޮލިމްޕަސް ތަޅާލައި އެތަނުގައި ޒަމާނީ ފެންވަރުގެ އާ ސިނަމާއެއް އަޅަން ސަރުކާރުގެ ވިސްނުން ހުރިތޯ ސުވާލުކޮށްފަ އެވެ.

އަސްވާޑު ވިދާޅުވީ ރާއްޖޭގައި މިވަގުތު ހަގީގީ ސިނަމާއެއް ނެތް ކަމަށެވެ. ސިނަމާއެއްގެ ގޮތުގައި އޮލިމްޕަސް މިހާރު ބޭނުންކުރިޔަސް، އެތަނަކީ ތިއޭޓަރެއް ނުވަތަ ތަމްސީލު ކުޅުމަށް ހާއްސަކޮށް އިމާރާތްކޮށްފައި ހުރި ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޮލިމްޕަސް މިހާރު އާންމުކޮށް ބޭނުންކުރަނީ ދިވެހި ފިލްމު އެޅުވުމަށާއި މިއުޒިކް ޝޯތައް ބޭއްވުމަށާއި ސްކޫލް ކުދިންގެ ކޮންސެޓުތަކަށެވެ.
ރާއްޖޭގައި ޒަމާނީ ސިނަމާއެއް ނެތުމުން އެކަމުގެ ޝަކުވާ ފަންނުވެރިންނާއި ފިލްމު ޕްރޮޑިއުސަރުންނާއި އާންމުންގެ ފަރާތުން ވެސް ލިބޭ ކަމަށާއި އެ މައްސަލައަށް ސަރުކާރުން ހައްލެއް ހޯދައިދޭނެ ކަމަށް އަސްވާޑު ވިދާޅުވި އެވެ.
އަސްވާޑު ވިދާޅުވީ ކޮންމެ ފަހަރަކު އޮލިމްޕަސް މަރާމާތުކޮށްގެން، އެތަނުގެ ގޮނޑިތައް ބަދަލުކޮށްގެން ނުވަތަ އާ ޕްރޮޖެކްޓަރެއް ހަރުކޮށްގެން ވެސް އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ. އޮލިމްޕަހުގައި ފިލްމު އަޅުވަން ހުރީ އެންމެ ސްކްރީނެއް ކަމަށް ވާތީ، ދިވެހި ފިލްމު ޕްރޮޑިއުސަރުންގެ ޑިމާންޑާ އެއްވަރަށް އޮލިމްޕަސް ދޫކުރަން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކަންބޮޑުވުމަށް ހައްލެއް ލިބޭނީ ޒަމާނީ ފެންވަރުގެ އާ ސިނަމާއެއް ހުޅުވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ކިރިޔަކިރިޔާ ނުގޮވާ ބޮމެއް ގޮތަށް އަޅުގަނޑަށް އެތަން [އޮލިމްޕަސް] ސިފަކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
"ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ހެނދުނު ފިލްމު ބަލާކަށް ނުދާނެ. މެންދުރު ފިލްމު ބަލާކަށް ނުދާނެ. ހަވީރު ފިލްމު ބަލާކަށް ނުދާނެ، ވީކެންޑެއް ނޫން ވެއްޖެއްޔާ. ފިލްމު ބަލަން މި ދަނީ ވަރަށް ސްޕެސިފިކް ގަޑިއެއްގައި. އިޝާ ނަމާދުކޮށްލައިގެން ޚަބަރު ބަލާފައި 8:30 ގައި."
އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އެއް ރޭ ހަތަރު ފިލްމު ވިޔަސް އެޅުވޭ ފެންވަރުގެ ސިނަމާއެއް ހުރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްވާޑު ވިދާޅުވި ގޮތުގައި، އޮލިމްޕަސް ބަންދުކޮށް، އެތަން ތަޅާލައި އާ ސިނަމާއެއް ހަދަން އުޅެފިނަމަ، ފަންނުވެރިންނަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ އެވެ. އެހެންވެ، ސަރުކާރުގެ ވިސްނުމަކީ އޮލިމްޕަސް މިހާރު ހުރި ގޮތަށް ބަހައްޓާފައި ޒަމާނީ ފެންވަރުގެ އާ ސިނަމާއެއް އެޅުމެވެ.
"އެކަން ކުރުމަށް ބޭރުގެ ޕޮޓެންޝިއަލް އިންވެސްޓަރުންނާއި އަޅުގަނޑުމެންނާ ވާހަކަ ދެއްކިއްޖެ. މިއީ އަޅުގަނޑު ތޯތޯއަކަށް، ތިބޭފުޅުން ރުއްސަން ދައްކާ މާ މޮޅު ވާހަކައެއް ނޫން. އަޅުގަނޑުމެންނާއި އެ މީހުންނާ ބައްދަލުވެއްޖެ، އެ ބޭފުޅުން ތިބީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
އަސްވާޑު ވިދާޅުވީ ހުޅުމާލޭގައި ޒަމާނީ ސިނަމާއެއް އެޅުމަށް އެޗްޑީސީއާ ވާހަކަދައްކައިގެން ބިމެއް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
"އެންމެ މަދުވެގެން ގާތްގަނޑަކަށް ހަތަރު ސްކްރީނުގެ ސިނަމާއެއް އަޅުގަނޑުމެން ގާއިމްކުރާނަން ހުޅުމާލޭގައި. އޭރުން އެއް ރޭ ހަތަރު ފިލްމު އެޅުވޭނެ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޮލިމްޕަހުގެ ސިނަމާ ހޯލާއި ގޯތިތެރެ ވަނީ ވަރަށް ބޮޑަށް މަރާމާތުކޮށްފަ އެވެ. އޮލިމްޕަސް މަރާމާތުކޮށް، އެތަނަށް ޒަމާނީ ވަސީލަތްތައް ހޯދީ އިންޑިއާގެ ސަރުކާރުން ދިން 8 މިލިއަން ރުފިޔާގެ ހިލޭ އެހީގަ އެވެ.
ރާއްޖޭގައި މި ވަގުތު ދެ ސިނަމާ ހިންގަ އެވެ. އެއީ ދިވެހި ފިލްމަށް ހާއްސަ އޮލިމްޕަހާއި ބޭރުގެ ފިލްމުތައް އަޅުވާ ޝުވެކް ސިނެމާ އެވެ. ނަމަވެސް، ރާއްޖޭގައި ރަނގަޅު ފެންވަރުގެ ސިނަމާއެއް ނެތުމުން ބެލުންތެރިންގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.