ޓޮޓީ ކުޅުން ހުއްޓާލުމާ މެދު ގޮތެއް ނުނިންމާ
ޓޮޓީ ކުޅުން ހުއްޓާލުމާ މެދު ގޮތެއް ނުނިންމާ

ރޯމް (މާޗް 22) – ކުރިމަގާ މެދު އަދިވެސް ވަކި ގޮތެއް ނުނިންމާ ކަމަށް ބުނެ ފުޓްބޯޅަ ކުޅުން ކުރިއަށް ގެންގޮސްފާނެ ކަމުގެ އިޝާރާތެއް ރޯމާގެ އުމުރުން 40 އަހަރުގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓީ ދީފި އެވެ.

ރޯމާ އަށް 1992 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޓޮޓީގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަަމަވާނެ އެވެ. ރޯމާގެ ރައީސް ޖޭމްސް ޕަލޯޓާ ދާދި ފަހުން ވިދާޅުވީ ކްލަބުގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޓޮޓީ އަށް ހަ އަހަރުގެ ކޮންޓްރެކްޓެއް އޮތީ ތައްޔާރަށް ކަމަށެވެ.

އެކަމަކު ޓޮޓީ ދެއްކި ވާހަކަތަކަށް ބަލާއިރު އޭނާ ކުޅުން ހުއްޓާލަން އަދިވެސް މުޅިން ތައްޔާރެއް ނޫނެވެ.

"ރޯމާގެ ޑިރެކްޓަރުންގެ ބޯޑާ އަހަންނަށް ގުޅިދާނެ އަހަރެއްގެ ތެރޭގައި. އެ ނޫނީ އަހަންނަށް ދަނޑުމަތީގައި ފުތްބޯޅަ ކުޅުމުގައި ވެސް ހޭދަކުރެވިދާނެ. ނުވަތަ އަހަންނަށް އޭޖެންޓަށް ވެގެން ކުރިމަގުގެ ޗެމްޕިއަން ހޯދަން ވެސް މަސައްކަތްކުރެވިދާނެ. އަހަރެންގެ އެބަހުރި ފުޓްބޯޅައިގެ ދުނިޔޭގެ ތަޖުރިބާ،" ޓޮޓީ ބުންޏެވެ.

ފަހަކަށް އައިސް ޓޮޓީ އަށް ރޯމާ އިން ފުރުސަތު ލިބެނީ ވަރަށް މަދުންނެވެ. މި ސީޒަނުގައި އެންމެ 11 މެޗު ކުޅުނުއިރު އޭނާ ވަނީ ދެ ގޯލް ޖަހައިފަ އެވެ.