15 ޖޫން 2016 - 07:45

400 ގުރާމު ބީޓުރޫޓު (ކޮށައިފައި)
1 ފިޔާ (ބޮޑު، ބޯކޮށް ކޮށައިފައި)
3 ލޮނުމެދު (ފަޅައިފައި)
1 ޖޯޑު ކާށިކިރު
2 ޖޯޑު ފެން
2 ސައިސަމުސާ ހަވާދު (ފުއްލާ ޖެހި ރީނދޫ ދަޅު) ނުވަތަ 1 މޭޒުމަތީސަމުސާ ހަނާކުރި ތެޔޮ ހަވާދު (ހިމުންކޮށް ފުނޑައިފައި)
⅓ ސައިސަމުސާ އަސޭމިރުސް (މުގުރައިފައި)
⅓ ސައިސަމުސާ ދިރި (މުގުރައިފައި)
⅓ ސައިސަމުސާ ރީނދޫ (މުގުރައިފައި)
1 ޓޮމާޓޯ (ކުޑަ، ބޯކޮށް ކޮށައިފައި)
1 ޗިކަން ކިޔުބު (1 މޭޒުމަތީސަމުސާ ހޫނު ފެނުގައި ގިރައިލައިފައި)
1 މޭޒުމަތީސަމުސާ މުގުރި ހިކިމަސް (ބޭނުން ނަމަ)
ހިކަނދިފަތް، ރާނބާފަތް، ތެޔޮ، ލޮނު، ރޯމިރުސް ނުވަތަ ގިތެޔޮމިރުސް
ކުޑަ ތެޔޮފޮދެއްގައި ފިޔާ، ލޮނުމެދު މީރުކޮށްލުން. ފިޔާކޮޅު މޯޅިވީމައި ދެބައިކުޅަ އެއްބައި ނަގައިފައި ވަކިން ބެހެއްޓުން. ބެހެއްޓި ފިޔާކޮޅުގެ ތެރެއަށް ދިރި، އަސޭމިރުސް، ޓޮމާޓޯ އަޅައިފައި، އޭގެ ތެރެއަށް ބައި ޖޯޑު ކާށިކިރު އަޅައިފައި ވަކިން ބެހެއްޓުން. ތެލީގައި ހުރި ފިޔާކޮޅުގެ ތެރެއަށް ހަވާދާއި، ބައިޖޯޑު ފެނާއި ބައިޖޯޑު ކާށިކިރު އަޅައިގެން ކެއްކުން. ރަނގަޅަށް ހަވާދު ކެކެން ފެށީމައި، އޭގެތެރެއަށް ބީޓުރޫޓާއި މަސް އެޅުމަށް ފަހު، ބާކީ ހުރި އެއް ޖޯޑު ބައި ފެން އަޅައިގެން، މަތިޖަހައިގެން މަޑު ގިނީގައި، ބީޓުރޫޓު މަޑުވަންދެން ކެއްކުން. މަޑުވީމައި ރީނދޫ އަޅައިފައި، ކުރިން ތައްޔާރުކުރި ކާށިކިރު ޖޯޑު އަޅައިލުމަށް ފަހު، (ގިރައިފައި ހުރި) ޗިކަން ކިއުބު ވެސް އަޅައިފައި، ޓޮމާޓޯ އަދި މިރުސް އެޅުން. ކެކިގަތީމައި ލޮނު ހެޔޮވަރު ކޮށްފައި، ހިކަނދިފަތާއި ރާނބާފަތް އެޅުން.
ބީޓުރޫޓު ތަންކޮޅެއް ތުނިކޮށް ކޮށައިފިއްޔާ، މަޑުވާލެއް އަވަސް ވާނެ. މަސް އަޅާނީ ބޭނުން ނަމަ. މަސް ނޭޅިޔަސް މި ރިހަ މީރު ވާނެ.
މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.