22 މާޗް 2017 - 08:43

ލަންޑަން (މާޗް 22) – އައިވަރީ ކޯސްޓުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ބެލްޖިއަމުގެ ކުރީގެ ކޯޗު އަދި ކުޅުންތެރިޔާ މާކް ވިލްމޮޓްސް ހަމަޖައްސައިފި އެވެ.
އުމުރުން 48 އަހަރުގެ ވިލްމޮޓްސް ވަނީ 2012 އިން 2016 އަށް ބެލްޖިއަމް ޓީމަށް ކޯޗުކޮށްދީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ޓީމު ގެންގޮސްދީފަ އެވެ. އޭނާ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުން ވޭލްސް އަތުން 3-1 އިން ބަލިވުމުންނެވެ.
އައިވަރީ ކޯސްޓުން އާ ކޯޗެއް ހޯދީ މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގްރޫޕް ސްޓޭޖުން އެ ޓީމުގެ ކެޓުމުން ކޯޗު ފްރާންސުގެ މައިކަލް ޑުސީޔާ މަގާމުން ވަކިވުމުންނެވެ.
އައިވަރީ ކޯސްޓާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ވިލްމޮޓްސް ޓީމާ ރަސްމީކޮށް ހަވާލުވާނީ ރަޝިއާއާ ދެކޮޅަށް ހުކުރު ދުވަހު އަދި ތިން ދުވަސް ފަހުން ސެނެގޯލާ ދެކޮޅަށް ކުޅޭ މެޗުތަކަށް ފަހު އެވެ. މި ދެ މެޗުގައި ކޯޗުކޮށްދޭނީ ވަގުތީ ކޯޗު އިބްރާހިމް ކަމާރާ އެވެ.
އައިވަރީ ކޯސްޓުން ވިލްމޮޓްސް އަށް ދީފައިވާ ޓާގެޓަކީ އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕާއި ޖެހިގެން އަންނަ އަހަރުގެ އެފްރިކަން ކަޕަށް ކޮލިފައިކޮށްދިނުމެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އައިވަރީ ކޯސްޓް އޮތީ ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ގެބޯނާއި މޮރޮކޯ އާއި މާލީ އެވެ. ކޮލިފައިވާނީ އެއް ވަނަ ހޯދާ ޓީމެކެވެ.
ޔޫރަޕުގެ މަތީ ފަންތީގައި ކުރިން ކުޅެފައިވާ ވިލްމޮޓްސް ވަނީ 1990-2002 އަށް ބެލްޖިއަމް ގައުމީ ޓީމަށް 70 މެޗު ކުޅެދީފަ އެވެ.