15 ޖުލައި 2025 - 06:00

ޖަރުމަނުގައި 15 ބަލިމީހަކަށް ބާރުގަދަ އިންޖެކްޝަން ޖަހައިގެން މެރި މައްސަލައެއްގައި ޑޮކްޓަރެއްގެ މައްޗަށް ދައުވާކޮށް ކޯޓުގައި މައްސަލަ ފަށައިފި އެވެ.
"މަރާއި ފުރާނައިގެ ވެރިޔާ" ކަމަށް ހެދިގެން އުޅުނު ކަމަށް ޕްރޮސިކިއުޓަރުން ސިފަކުރާ، 40 އަހަރުގެ މި ޑޮކްޓަރުގެ ނަމުގެ ގޮތުގައި ޖަރުމަނުގެ މީޑިއާއިން ހާމަކޮށްފައިވަނީ ޖޮހަނެސް އެމް އެވެ.
ޕެލިއޭޓިވް ކެއާ ނުވަތަ ބޮޑެތި ބަލިތަކުގައި އަޅާ ވޭންތަކަށް ލުއި ހޯދައިދޭ ސްޕެޝަލިސްޓްގެ ގޮތުގައި މަަސައްކަތްކުރި މި ޑޮކްޓަރުގެ މައްޗަށް ތުހުމަތުކުރަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބާލިންގައި މަސައްކަތް ކުރި އިރު 12 އަންހެނުންނާއި ތިން ފިރިހެނުން މަރާލި ކަމަށެވެ.
އުމުރުން 25 އަހަރާއި 94 އަހަރާ ދެމެދުގެ ގިނަ ބަޔަކު މެރުމަށް މި ޑޮކްޓަރު ވަނީ ހޭވެރިކަން ކުޑަވާ [ސެޑޭޓިވް] ގެ އެކި ބާވަތްތައް އެއްކޮށްގެން އިންޖެކްޓުކޮށްފައި ކަމަށް ދައުވާގައިވެ އެވެ. އަދި މި ޑޮކްޓަރު ވަނީ ހެކި ނައްތާލުމުގެ ގޮތުން، އޭނާގެ ޝިކާރައަކަށްވި ބައެއް މީހުންގެ ގެތަކުގައި ހުޅުޖަހާފައި ކަމަށް ވެސް ބުނެފައިވެ އެވެ.
ބާލިންގެ ސްޓޭޓް ކޯޓުގައި މައްސަލަ ފެށުމުގެ ގޮތުން ޕްރޮސެކިއުޓާ ފިލިޕް މެހޯފާ ވިދާޅުވީ ދައުވާ ލިބޭ ޑޮކްޓަރު މިކަން ކުރީ ފަރުވާ ދޭން ކަމަށް ބުނެ ގޭގެޔަށް ގޮސްގެންނެވެ. ގެޔަށް ގޮސް މީހުންނަށް ފަރުވާ ދިނުމުގެ ނަމުގައި ޖޮހަނެސްގެ ނިޔަތަކީ މީހުން މެރުން ކަމަށާއި އޭނާ ވަނީ ބަލި މީހަކާއި ޑޮކްޓަރާ ދެމެދު އޮންނަންޖެހޭ އިތުބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ބޭނުންކޮށްފައި ކަމަށް ޕްރޮސިކިއުޓަރު ވިދާޅުވި އެވެ.
"އޭނާގެ އަމަލުތަކުގައި މީހުންގެ ފުރާނައަށް ބެލުމެއް ނެތް ..."
"ޑައި ޒީޓް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޮހަނެސް އެމްއާ މެދު ޝައްކުވެގެން ކަމާބެހޭ އިދާރާތަކަށް އެންގީ އޭނާ އެކު މަސައްކަތްކުރި މީހެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު މި ރިޕޯޓްކުރީ ޖޮހަނެސް ފަރުވާ ދިން ގިނަ ބަޔަކު އަލިފާނުގެ ހާދިސާތަކުގައި މަރުވެފައިވާކަން އެނގުމުންނެވެ.
މިދިޔަ އޯގަސްޓް މަހު އޭނާ ހައްޔަރުކުރުމަށް ފަހު ކުރި ތަހުގީގުން އެންމެ ފުރަތަމަ ވަނީ ހަތަރު މަރަކާ އޭނާއާ ގުޅުން ހުރިކަން އެނގިފަ އެވެ. އެކަމަކު ލިބުނު އިތުރު މައުލޫމާތާ އެކު ހޯދި ހޯދުންތަކުން މިހާތަނަށް ވަނީ ޖުމްލަ 15 މަރު ދެނެގަނެވިފަ އެވެ.
އިތުރު 96 މައްސަލައެއް އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ޕްރޮސިކިއުޝަންގެ ތަރުޖަމާނު އޭއެފްޕީއަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ޖޮހަނެސް އެމްގެ މައިދައިތަގެ މަރު ވެސް ހިމެނެ އެވެ. ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން ދިޔަ އެ މީހާ މިދިޔަ އަހަރުގެ ކުރީކޮޅު މަރުވީ ޖޮހަނެސް އެމް އާއި އޭނާގެ އަނބިމީހާ ޕޮލެންޑަށް އޭނާއާ ބައްދަލުކުރަން ދިޔަ ހަފުތާ ބަންދުގަ އެވެ.
މި މީހާއަކީ ޕެލިއޭޓިވް ކެއާގެ ދާއިރާއިން ސްޕެޝަލައިޒްވުމުގެ ކުރިން ރޭޑިއޮލޮޖިސްޓެއްގެ އިތުރުން ޖެނެރަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ތަމްރީނުވެފައިވާ މީހެކެވެ.
ޑައި ޒީޓް ނޫހުން ބުނި ގޮތުގައި 2013 ވަނަ އަހަރު ފްރޭންކްފާޓްގައި ސިލްސިލާކޮށް މީހުން މެރުމުގެ ހާދިސާތައް ހިނގަން މެދުވެރިވި ސަބަބާ ބެހޭ ގޮތުން އޭނާ ޑޮކްޓޯރަލް ތީސިސްއެއް ވަނީ ހުށަހަޅައިފަ އެވެ. އެ ފަށާފައި ވަނީ "މީހުން، މީހުން މަރަނީ ކީއްވެ؟" މި ސުވާލުން ކަމަށް ނޫހުގައިވެ އެވެ.
ދައުވާގައި، އޭނާ މީހުން މެރި ގޮތްތަކުގެ ތަފްސީލްތަކާ އެކު ހިމަނާފައިވެ އެވެ. ޕްރޮސިކިއުޓަރުން ބުނެފައިވަނީ މި މީހާ މިކަން ކުރީ "މީހުން މަރަން ބޭނުންވުން" ނޫން އެހެން ބޭނުމެއްގައި ކަމަކަށް ބެލެވޭނެ ސަބަބެއް ނެތެވެ. -- އޭއެފްޕީ