14 ޖުލައި 2025 - 17:41

މާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދުގެ ޖަނާޒާ މިއަދު ބާއްވައިފި އެވެ.

ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުގައި އަލްސަން ނިޔާވީ އިތުރު ކުއްޖަކާ އެކު ދުއްވި ސައިކަލެއް، މަގު ހުރަސްކުރަން އުޅުނު މީހެއްގެގައިގައި ޖެހި، ޕިކަޕެއްގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ އަލްސަން އެވެ.
އޭނާގެ ކަށުނަމާދު އޮތީ، އަސުރު ނަމާދަށް ފަހު އާސަހަރާގަ އެވެ. ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ ވޯޑަށް ބަދަލުކޮށްފައި ވާއިރު، މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެކްސިޑެންޓުގައި ނިޔާވި އަލްސަން އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ.
އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުވާއިރު އެއިން ފެންނަ ގޮތުގައި، ބާރު ސްޕީޑުގައި ދިޔަ ސައިކަލް ގޮސް ޖެހެނީ ދުވަން އުުޅުނު މީހަކު ޒިބްރާކްރޮސް އިން ދުވެފައި މަގުގެ އަނެއް ފަރާތަށް ދާން ދުއްވައިގަތްތަނާ އެވެ. ދުވަން އުޅުނު މީހާ ގައިގައި ސައިކަލުން ޖެހި ވިއްސައިގެން ގޮސް ޖެހެނީ ދުއްވާފައި އައި ޕިކަޕެއްގަ އެވެ.