14 ޖުލައި 2025 - 12:53

ރާއްޖޭގައި ފަންނުވެރިންގެ ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށް، ހިމާޔަތްކޮށް ދިނުމަށް ސަރުކާރުގެ ފަރާތުން ޓްރޭޑްމާކްގެ ގާނޫނެއްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި މިއަދު އިއްވައި، އިބްތިދާއީ ބަހުސް ވަނީ ފަށައިފަ އެވެ.
އެ ބިލުގައިވާ ގޮތުން އެ ބިލަކީ ރާއްޖޭގައި ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ފަހި މާހައުލެއް ގާއިމްކޮށްދީ، ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށްދީ އަދި ޓްރޭޑްމާކްތަކުގެ ވެރިފަރާތްތަކަށް ހިމާޔަތްދީ އަދި އެއާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ކަމަށެވެ.
އެ ބިލުގައި ޓްރޭޑްމާކެއް ކަމަށް މާނަކޮށްފައިވަނީ އެއް ފަރާތެއްގެ މުދަލާއި އަނެއް ފަރާތެއްގެ މުދާ ތަފާތުކޮށް، ދެނެގަނެވޭ ކޮންމެ ނިޝާނެއްގެ ގޮތުގަ އެވެ. ނަމަވެސް ޓްރޭޑްމާކެއްގެ ގޮތުގައި ބެލެވޭނީ އެ ބިލުގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީ ކުރުމުން ކަމަށް އެ ބިލުގައިވެ އެވެ.
އެ ބިލުގައި، ޓްރޭޑްމާކްގެ ހައްގުތަކަށް އަރައިގަންނަ ބާވަތުގެ މުދާތައް ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްއަށް ދިނުމަށް ހުށަހަޅާފައިވެ އެވެ. އަދި ޓްރޭޑްމާކެއްގެ ހައްގަކަށް އަރައިގަންނަ ފަރާތްތައް އެއް ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރަން ވެސް ބިލުގައި ހުށަހަޅާފައިވެ އެވެ.