ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތުގެ ދައުރު ދަންމާލަން ރައީސް މަޖިލީހުގައި އެދިވަޑައިގެންފި
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތުގެ ދައުރު ދަންމާލަން ރައީސް މަޖިލީހުގައި އެދިވަޑައިގެންފި

ޗިލްޑްރަންސް އޮމްބަޑްސްޕާސަން މަގާމުގައި ހުންނަވާ ނިއުމާތު ޝަފީގުގެ ދައުރު ދަންމާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތުގެ ދައުރު މި މަހު 23 އަށް ހަމަވާތީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން މަތިން އޭނާގެ ދައުރު ފަސް އަހަރަށް އިތުރުކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.

އެކަމުގެ މަޖިލީހުން ނިންމާ ގޮތެއް އަންގައިދިނުމަށް ވެސް ރައީސްގެ ސިޓީފުޅުގައި އެދިވަޑައިގަތެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ މިންވަރު ކަނޑައަޅަން މިނިވަން މުސްތަގިއްލު މަގާމެއް ގޮތަށް އުފެއްދި ޗިލްޑްރަން އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަންކުރެއްވީ ޖުލައި 23، 2020 ގަ އެވެ. އެއީ ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރާ މަގާމެކެވެ.

ރާއްޖޭގައި ޕްރީ ސްކޫލުތައް ހެދުމަށް ޔުނިސެފްގެ އެހީއާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުުން ނިއުމާތަކީ ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޮސްޓްރޭލިއާ އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން އިން ޑިގްރީ އަދި ހަމަ އެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވެ އެވެ.

މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުކަން ވެސް އޭނާ ކުރިން ކުރެއްވި އެވެ.