22 މާޗް 2017 - 08:31

މެންޗެސްޓާ (މާޗް 22) – މެންޗެސްޓާގެ ވަރުގަދަ ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީން، އިނގިރޭސި ވިލާތުން ބޭރުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ޖުލައި 20 ވަނަ ދުވަހު އެމެރިކާގައި ބައްދަލުކުރާނެ އެވެ.
ޕްރީ ސީޒަން މުބާރާތެއް ކަމަށްވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި މި ދެ ޓީމު ކުޅޭ މި މެޗުު އޮންނާނީ އެމެރިކާގެ ކޮން ސިޓީއެއްގައިކަން އަދި ނުނިންމަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ވެސް އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި މި ދެ ޓީމު ޗައިނާގައި މެޗެއް ކުޅޭ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެކަމަކު ބެއިޖިންގެ ބާޑްސް ނެސްޓް ސްޓޭޑިއަމުގައި ކުޅެން ރާވާފައި އޮތް މެޗު ވިއްސާރައިގެ ސަބަބުން ކެންސަލްކުރީ އެވެ.
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ސިޓީން މި ފަހަރު ޓޮޓެންހަމް ހޮޓްސްޕާސްއާ ވެސް ކުރިމަތިލާނެ އެވެ. އަދި ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑާ ދެކޮޅަށް ޖުލައި 26 ގައި ލޮސް އެންޖެލްސްގައި ނުކުންނާނެ އެވެ. މެންޗެސްޓާ ޔުނައިޓެޑުން ޖުލައި 23 ގައި ރެއާލް މެޑްރިޑާ ކުޅޭއިރު ޖުލައި 26 ގައި ވާދަކުރާނީ ބާސެލޯނާއާ އެވެ.
މި ފަހަރުގެ މުބާރާތުގެ އެންމެ ހާއްސަ މެޗަކީ ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް-ކެލްސިކޯ އެވެ. މަޔާމީގައި ޖުލައި 29 ވަނަ ދުވަހު ކުޅެން ރާވާފައިވާ މި މެޗަކީ ސްޕެއިނުން ބޭރުގައި ކުޅޭ ދެ ވަނަ އެލް-ކެލްސިކޯ މެޗެވެ. ފުރަތަމަ މެޗު ކުޅެފައިވަނީ 1982 ވަނަ އަހަރު ވެނެޒުއޭލާގަ އެވެ.
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގެ އެމެރިކާ އަދި ޔޫރަޕް ބުރުގައި ވާދަކުރަނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ސިޓީ އާއި ޔުނައިޓެޑާއި ޓޮޓެންހަމްގެ އިތުރުން ޕީއެސްޖީ އާއި ރޯމާ އާއި ޔުވެންޓަސް އެވެ. ޗައިނާ ފަޅީގައި އޭސީ މިލާނާއި އިންޓަ އާއި ބޮރޫޝިއާ ޑޯޓްމަންޑާއި ބަޔާން މިއުނިކާއި އާސެނަލް ހިމެނެ އެވެ. ސިންގަޕޫރުގައި އޮންނަ ބުރުގައި ވާދަކުރަނީ އިންޓަ އާއި ޗެލްސީ އަދި ބަޔާން މިއުނިކެވެ.