14 ޖުލައި 2025 - 09:10

ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު ބާއްވަން ނިންމައިފި އެވެ.
ޖަނާޒާ ބާއްވަނީ އާސަހަރާގަ އެވެ.
އަލްސަން ނިޔާވީ އޭނާ ދުއްވި ސައިކަލުން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގަ އެވެ.
މާލޭގެ ބޮޑުތަކުރުފާނު، މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުގައި އޭނާގެ އިތުރުން ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ އާއި މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހާއަށް އަނިޔާވެ އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެ ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ރޭ ވަނީ ބުނެފަ އެވެ.
އެކްސިޑެންޓުގައި ނިޔާވި އަލްސަން އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ.
އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުވާއިރު އެއިން ފެންނަ ގޮތުގައި، ބާރު ސްޕީޑުގައި ދިޔަ ސައިކަލް ގޮސް ޖެހެނީ ދުވަން އުުޅުނު މީހަކު ޒިބްރާކްރޮސް އިން ދުވެފައި މަގުގެ އަނެއް ފަރާތަށް ދާން ދުއްވައިގަތްތަނާ އެވެ. ދުވަން އުޅުނު މީހާ ގައިގައި ސައިކަލުން ޖެހި ވިއްސައިގެން ގޮސް ޖެހެނީ ދުއްވާފައި އައި ޕިކަޕެއްގަ އެވެ.