14 ޖުލައި 2025 - 09:18

ބޮލީވުޑްގެ ކާމިޔާބު އެކްޓަރުން ކަމަށްވާ ބޮބީ ޑިއޯލް އާއި ރަންވީރު ސިންގް އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.
މިއީ، އެ ދެ ތަރިން އެކުގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން އެ ދެ ތަރިންނާ ކައިރި ބައެއް މީހުންނާ ހަވާލާދީ ބުނީ އެއީ ވަރަށް ބޮޑު ބަޖެޓަކުން ހަދާ އެކްޝަން ފިލްމެއް ކަމަށެވެ. އަދި އެ ބޮޑު ޕްރޮޖެކްޓަށް ބޮބީ އާއި ރަންވީރު މިހާރު އެއްބަސްވެ، ސޮއިކޮށްފައިވާ ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.
އެ ފިލްމަށް ތައްޔާރުވުމަށް ބޮބީ އާއި ރަންވީރު، އެ ދެމީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ބަދަލުކޮށްލަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ނަމަވެސް، އެ ފިލްމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެއީ ކޮން ޕްރޮޑަކްޝަނަކުން ގެނެސްދޭ ފިލްމެއް ކަމެއް ވެސް އަދި ނޭނގެ އެވެ.
ބޮބީ މިހާރު ތައްޔާރުވަމުން އަންނަނީ މި އަހަރު ރިލީޒްކުރާ އޭނާގެ ތެލުގޫ ފިލްމު "ހަރި ހަރާ ވީރާ މައްލޫ"އަށެވެ. އެ ފިލްމުގެ އިތުރުން ބޮލީވުޑްގެ ފިލްމެއް ކަމަށްވާ، އާލިއާ ބަޓް ލީޑު ރޯލު ކުޅޭ ވައިއާރުއެފްގެ އެކްޝަން ފިލްމު "އަލްފާ"ގައި ވެސް ބޮބީ އުޅޭނެ އެވެ. އެއީ އަންނަ ޑިސެމްބަރު މަހު އަޅުވަން ނިންމާފައިވާ ފިލްމެކެވެ.
ރަންވީރުގެ އާ ފިލްމު "ދުރަންދަރު"ގެ ޓްރެއިލާ ނެރުނު މިދިޔަ ހަފުތާގަ އެވެ. އެ ފިލްމު ރިލީޒްކުރަނީ އަންނަ ޑިސެމްބަރު މަހު ފަހެއްގަ އެވެ.