އަނެއްކާވެސް އިޓަލީން ޣައްޒާއަށް އެހީގެ ބޯޓެއް
އަނެއްކާވެސް އިޓަލީން ޣައްޒާއަށް އެހީގެ ބޯޓެއް

ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެން ދިޔަ އެކްޓިވިސްޓުންގެ ބޯޓެއް އިޒްރޭލުން ހިފަހައްޓައި އޭގައި ތިބި މީހުން ޑީޕޯޓްކޮށްލިތާ މަހެއް ފަހުން، ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންނާއި އިންސާނީ އެހީއާ އެކު އިޓަލީގެ ސިސިލީން އިއްޔެ އަނެއްކާވެސް ބޯޓެއް ފުރައިފި އެވެ.

އަނެއްކާވެސް އިޓަލީން ޣައްޒާއަށް އެހީގެ ބޯޓެއް
އަނެއްކާވެސް އިޓަލީން ޣައްޒާއަށް އެހީގެ ބޯޓެއް

ފްރީޑަމް ފްލޮޓިލާ ކޯލިޝަނުން އޮޕަރޭޓްކުރާ ބޯޓެއް ކަމަށްވާ "ހަންތަލާ" ސިރަކިއުޒް ބަނދަރުން ފުރީ ގާތްގަނޑަކަށް 15 އެކްޓިވިސްޓުންނާ އެކުގަ އެވެ. ހަންތަލާ އަކީ ފަލަސްތީނުގެ ވަރުގަދަ ގައުމީ ނިޝާނެކެވެ.

ފަލަސްތީނުގެ ދިދަ ހިފައިގެން ތިބި މީހުންނާއި ކެފިއްޔާ ސްކާފް އަޅައިގެން ތިބި އެތައް ބަޔަކު އެ ބޯޓު ފުރި ވަގުތު ބަނދަރަށް އެއްވެ އުފާފާޅުކުރަމުން ދިޔަ އެވެ. އަދި "ފްރީ ފަލަސްތީން" އޭ ގޮވައި އަޑު އުފުލަމުން ދިޔަ އެވެ.

ކާބޯތަކެއްޗާއި ކުޑަކުދިންނަށް ބޭނުންވާ ސާމާނާއި ބޭސް ހިފައިގެން ދަތުރުކުރާ މި އުޅަނދު ހަފުތާއެއްހާ ދުވަސް ވަންދެން މެޑިޓަރޭނިއަން ކަނޑުގައި، ގާތްގަނޑަކަށް 1،800 ކިލޯމީޓަރު (1،120 މޭލު) ދަތުރުކުރާނެ އެވެ. އަދި އުންމީދުކުރަނީ ޣައްޒާގެ އައްސޭރިފަށަށް ދެވޭނެ ކަމަށެވެ.

މިދިޔަ މާޗް މަހުގެ ކުރީކޮޅު އިޒްރޭލުން ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އެއްކޮށް ހުއްޓުވައިފަ އެވެ. އަދި މިހާރު އެހީގެ ސާމާނު ދޫކުރަނީ އިޒްރޭލުން ބޭނުންވާ ގޮތަކަށެވެ.

އެހެންވެ އެކަމާ ދެކޮޅުހަދައި، އިންސާނީ އެހީއަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށް މީގެ ހަ ހަފްތާ ކުރިން ފްރީޑަމް ޕްލޮޓީލާގެ އެހެން އުޅަނދެއް ކަމަށްވާ "މަދްލީން" ވެސް ޣައްޒާއަށް ވަންނަން މަސައްކަތްކުރި އެވެ. އެކަމަކު އެ އުޅަނދު ހުއްޓުވައި އޭގައި ތިބި އެންމެން އިޒްރޭލުން ވަނީ ޑީޕޯޓްކޮށްލައިފަ އެވެ.