ޔޯކެރޭސް އަށް ފިޔަވަޅު އަޅައި އާސެނަލަށް ސްޕޯޓިންގެ އިންޒާރެއް
ޔޯކެރޭސް އަށް ފިޔަވަޅު އަޅައި އާސެނަލަށް ސްޕޯޓިންގެ އިންޒާރެއް

ލަންޑަން (ޖުލައި 13) - އަންނަ ސީޒަނަށް އާސެނަލް އިން ގެންނަން އުޅޭ ސްވިޑެންގެ ފޯވާޑް ވިކްޓޯ ޔޯކެރޭސް އަށް އޭނާ ކުޅެމުން އަންނަ ޕޯޗުގަލްގެ ސްޕޯޓިން އިން ޑިސިޕްލިނަރީ ފިޔަވަޅު އަޅައިފި ކަމަށް އެ ކްލަބްގެ ރައީސް ފެޑެރިކޯ ވެރަންޑާސް ވިދާޅުވެއްޖެ އެވެ.

ވެރަންޑާސް ވިދާޅުވި ގޮތުގައި ޔޯކެރޭސް އަށް ފިޔަވަޅު އަޅަން ޖެހުނީ ކްލަބްގެ ޕްރީ ސީޒަންގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރި ނުވުމުންނެވެ. އޭނާގެ އަމަލުތަކުގެ ސަބަބުން ޓްރާންސްފާގެ ކަންކަން ވެސް ދަނީ އުނދަގޫ ކަމަށް ކަމަށް ގްޔޯކެރެސް ވިދާޅުވި އެވެ.

އޭނާ ކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވާ ސަބަބެއް މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އާސެނަލްގެ ސްޕޯޓިން ޑިރެކްޓަރު އަންޑްރެއާ ބާޓާ ވަނީ މިދިޔަ ހަފުތާގައި ޕޯޗުގަލްގައި ޔޯކެރޭސް ބައްދަލުކޮށް މަޝްވަރާތައް ކޮށްފަ އެވެ. އަދި އޭނާ ވެސް ހުރީ އާސެނަލް އަށް ބަދަލުވާން ބޭނުންވެފައި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. އުމުރުން 27 އަހަރުގެ ފޯވާޑް ގަންނަން އާސެނަލް އެންމެ ފަހުން ސްޕޯޓިން އަށް ވަނީ 70 މިލިއަން ޔޫރޯ (60 މިލިއަން ޕައުންޑް) ހުށަހަޅައިފަ އެވެ.

ޔޯކެރޭސް ކޮންޓްރެކްޓުގައި 100 މިލިއަން ޔޫރޯ (85 މިލިއަން ޕައުންޑް) ގެ ރިލީސް ކްލޯސް އެއް ވަނީ ހިމަނައިފަ އެވެ. ސްޕޯޓިންގެ ރައީސް ވިދާޅުވީ 60 މިލިއަން ޕައުންޑަށް ކުލަބުން ދޫކުރަން އެއްބަސް ވެފައި ނޯންނާނެ ކަމަށާއި ނަމަވެސް އޭނާގެ ރިލީސް ކްލޯސް އެއްކޮށް ދައްކަން ވެސް ކްލަބުން ޑިމާންޑް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ވަރެންޑާސް ވިދާޅުވީ، ކުލަބަށް ވުރެ އެއްވެސް ފަރުދެއް އިސް ނުވާނެ ކަމަށާއި ޔޯކެރޭސް ގަންނަން ބޭނުން ނަމަ އެކަށީގެންވާ އަގެއް ދޭން ޖެހޭނެ ކަމަށެވެ.

"އަހަރެމެން މި ތިބީ ހަމަޖެހިގެން. މާކެޓު ބަންދުވީމަ ކަންކަން ހަމަޖައްސާލެވިދާނެ ބޮޑު ޖޫރިމަނާއެއް ކޮށްލާފައި، މާފަށް އެދެން ޑިމާންޑް ކޮށްގެން،" ވަރެންޑާސް ވިދާޅުވި އެވެ.

"އެ މީހުން ވިކްޓޯ [ޔޯކެރޭސް] އަށް އެކަށޭނަ އަގެއް ދޭން ބޭނުން ނުވެއްޖެއްޔާ، ކުރިއަށް އޮތް ތިން އަހަރު އަހަރެމެންނަށް ވަރަށް ފަސޭހަ ވާނެ. ޓްރާންސްފާ ސްޓެރެޓެޖީ ބޭނުން ގޮތަކަށް އަނބުރާލާނަމޭ ހީކޮށްގެން އުޅޭ ބަޔަކަށް ހީވެދާނެ އެ ކަންކަމުން އަހަރެމެންނަށް ޕްރެޝަރު ވާނެއޭ، ނޫނީ އޭނާ ކްލަބް ދޫކޮށްލަން ފަސޭހަ ވާނެއޭ. އެކަމަކު އެމީހުން އެ ވިސްނަނީ މުޅިން ގޯސް ކޮށް. އެބަޔަކު އަމިއްލަޔަށް ކުޅުންތެރިޔާ ދޫކުރަން އިތުރަށް އުނދަގޫ ކުރަނީ."

މިދިޔަ ސީޒަންގައި ޔޯކެރޭސް ވަނީ 52 މެޗުން 54 ގޯލު ޖަހައިފަ އެވެ. އަދި ސްޕޯޓިންގައި ހޭދަކުރި ދެ ސީޒަންގައި އޭނާ ވަނީ ކުޅުނު 102 މެޗުން 97 ގޯލު ޖަހައި، ދެ ސީޒަންގައި ލީގު ތަށީ ވެސް އުފުލާލައިފަ އެވެ.