ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން އުފެއްދި ކޮމިޝަން އުވާލައްވައިފި
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން އުފެއްދި ކޮމިޝަން އުވާލައްވައިފި

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލަން އުފެއްދެވި ރިޔާސީ ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުވާލައްވައިފި އެވެ.

މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ހ. މީޓާޒްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ކޮމިޝަނެއް ރައީސް އުފެއްދެވީ އެ މަހު 27 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ގަރާރަކުން އެ ކޮމިޝަން މިއަދު އުވާލެއްވީ އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސައްކަތްތައް ފުރިހަމަކުރުމުން ކަމަށެވެ.

ޔުމްނުގެ މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އާންމުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އެދުވަހު ރައީސް ވަނީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއަށް އަންގަވައިފަ އެވެ.

އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި:

- ޔުމްނު ހ. މިޓާޒްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާގެ މައުލޫމާތު ލިބުމުން، ފުލުހުންގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މައުލޫމާތު ދީފައި ވަނީ ގަޑިއެއްހާއިރު ފަހުން ކަމަށް ވާތީ، އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާނެ ހެއްކާއި ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަން.

- ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެ ވަގުތު ހޯދިފައިނުވާކަން.

- ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރި އިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާ ކަމަށާއި ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާކަން.

- މައްސަލައިގައި އެންމެ މުހިންމު އެއްތަން ކަމަށްވާ ޔުމްނު އޮތް މިޓާޒްގޭގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކޮށްފައިނުވާ ކަމާއި ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި ކުށުގެ ވެށި ރައްކާތެރިކުރެވިފައި ނުވާކަން ފާހަގަކުރެވޭކަން.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި އޭރު ހުންނެވި ދާއޫދު އަހުމަދު ދޮގު ބަޔާން ދިން މައްސަލާ ފާހަގަވެ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

ޔުމްނު ވެއްޓުނު ރޭ އޭނާއާ އެކު އެންމެފަހުން އުޅުނު ރައުދު އަހުމަފު ޒިލާލް ހައްޔަރު ވެސް ކުރި އެވެ. އޭނާ މިހާރު ބަންދުން ދޫކޮށްލާފައި ވިޔަސް، އޭނާގެ މައްޗަށް ވަނީ އެހީ ނުވުމުގެ ދައުވާކޮށްފަ އެވެ.

އެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު ކަންބޮޑުވުން ފާޅުކޮށް މާލޭގައި ޒުވާނުންތަކެއް ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރި އެވެ. އެ މުޒާހަރާތަކާ ގުޅިގެން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު އިސްތިއުފާ ދެއްވި އެވެ.