13 ޖުލައި 2025 - 15:48

އިޒްރޭލާއި ހަމާސްއާ ދެމެދު ފަށާފައިވާ ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައިސްފައި ވާއިރު ޣައްޒާގައި މިއަދު ވެސް އިޒްރޭލުން ހަމަލާދީ 30 މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި ޝަހީދުކޮށްލި 30 މީހުންގެ ތެރޭގައި ފެން ބަލައި ގޮސް ތިބި ކުޑަކުދިންތަކެއް ވެސް ހިމެނެ އެވެ.
އިޒްރޭލުން ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކަށް 21 މަސް ދުވަސް ވެފައި ވާއިރު ގަތަރުގައި އިޒްރޭލާއި ހަމާސްއާ ދެމެދު ފެށި ނުސީދާ ވާހަކަތަކުގައި ވަނީ ވަކި ހިސާބަކުން ހުއްޓުން އައިސްފަ އެވެ. އެއްބަސްވުމަކަށް ނާދެވިގެން އުޅޭ މައްސަލައިގައި ދަނީ އެއްބަޔަކު އަނެއް ބަޔަކު ކުށްވެރިކުރަމުންނެވެ.
ވާހަކަތައް ކުރިއަށް ދާއިރު ޣައްޒާގައި އިޒްރޭލުން ދޭ ހަމަލާތަކަށް ކުޑަވެސް ލުޔެއް ނުދެ އެވެ. އެތަނުގެ ދެ މިިލިއަނުގެ އާބާދީ ހަނގުރާމައިގެ ސަބަބުން ވިއްސިވިހާލިވެފައި ވާއިރު ހައިހޫނުކަން ވަނީ އާންމުވެފަ އެވެ. އަދި އދ. ހަތް އެޖެންސީއަކުން ވަނީ ޣައްޒާއިން ތެޔޮ ހުސްވަމުންދާތީ އާއި ކާނާގެ ދަތިކަމަށް ހައްލެއް ނާންނާތީ އަދި ހޮސްޕިޓަލްތައް ހިންގުން ދަތިވެފައި ވާތީ އިންޒާރު ދީފަ އެވެ.
ސިވިލް ޑިފެންސް އެޖެންސީން ބުނީ ރެއިން ފެށިގެން މިއަދުގެ މިހާ ހިސާބަށް އެކި ހިސާބުތަކުގައި ދިން ހަމަލާތަކުގައި 31 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެ އެޖެންސީންގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ ގެތަކަށް ދިން ހަމަލާތަކުގައި އަށް މީހަކު ޝަހީދުވި ކަމަށެވެ.
މީގެ އިތުރުން ނުސައިރަތު ރެފިއުޖީ ކޭމްޕުގައި ހުންނަ ގެޔަކަށް ދިން ހަމަލާއެއްގައި 10 މީހަކު ޝަހީދުވި ކަމަށާއި ފެން ދޫކުރާ ތަނެއްގެ ކައިރިއަށް ފެން ބަލައި ގޮސް ތިއްބާ އެތަނަށް ދިން ހަމަލާއެއްގައި ވެސް 10 މީހަކު ޝަހީދުވި ކަމަށް ބައްސާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.
މި ހަމަލާތަކާ ބެހޭ ގޮތުން އިޒްރޭލު ސިފައިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އޮކްޓޫބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 57،800 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މި ގަތުލުއާންމަށް ނިމުމެއް ގެނެވޭތޯ މިހާރު ކުރަމުންދާ މަޝްވަރައިގެ މައިގަނޑު އަމާޒަކީ 60 ދުވަހަށް ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލުމަށް ފަހު އެ މުއްދަތުގައި ދާއިމީ އެއްބަސްވުމަކަށް ގޮސް ހަމަލާތަކަށް ދާއިމީ ނިމުމެއް ގެނައުމެވެ.