13 ޖުލައި 2025 - 15:17

ސްކޭމްގެ ގިނަ މައްސަލަތަކެއްގެ ތުހުމަތުވާ މީހަކު އާންމުންގެ އެހީތެރިކަމާއެކު ހޯދައި، ފުލުހުން އޭނާ އިއްޔެ ހައްޔަރުކޮށްފި އެވެ.
އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރީ ސާއިފް އަހްމަދު ދީދީ، 30، މއ. ރަބީއު އެވެ.
ފުލުހުން މިއަދު ބުނީ ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ އެ މީހާ ހޯދައި ހައްޔަރުކުރީ އާންމުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ހުޅުމާލެ 2 އިން އިއްޔެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކުރީ ތަފާތު އެކި ދުވަސް މަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި މީހުންގެ އަތުން މަކަރާއި ހީލަތުން 30،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާއަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑް ވެސް އޮތް މީހެކެވެ.
ސްކޭމްގެ މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އިދާރާގެ އެންޓި ސްކޭމް ސެންޓަރުން އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.