މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލައި، ހުކުމާ ހަމައަށް ހިނގައްޖެ އެވެ.

ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ޣާލިބް ސަލީމް ކިޔާ މީހަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން މިދިިޔަ އަހަރުގެ އޮކްޓޫބަރު މަހު ސ. ހިތަދޫ ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޣާލިބް ސަލީމްގެ ވަކީލް އިބްރާހިމް ޝިޔާމް ވިދާޅުވީ ފައިސާ ނުދެއްކި އޮތީ ހުކުމްކުރިކަން ނޭނގި އޮތުމުން ކަމަށް ސިނާންގެ ފަރާތުން ބުނި ނަމަވެސް ހުކުމް ކުރިތާ އެއް ދުވަސް ފަހުން ސިނާނަށް ވައިބާ މެދުވެރިކޮށް ކޯޓުން ހުކުމް ފޮނުވި ކަމަށެވެ. އަދި އެ މެސެޖް ލިބުނުކަމުގެ މެސެޖެއް ސިނާން ފޮނުއްވި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭންކުން ސިނާނަށް ސިޓީ އާއި އީމެއިލް ވެސް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިނާންގެ ފަރާތުން ފައިސާ ދެއްކެވީ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭންކުން ހުކުމް ތަންފީޒު މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް ހުކުމާ އެއްގޮތަށް ފައިސާ ދެއްކި ކަމަށް ވާނީ ހުކުމުގެ މުއްދަތުގައި ހުކުމުގައި ބުނާ ގޮތަށް ފައިސާ ދެއްކުމުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އެ މައްސަލާގައި ގާނޫނުއަސާސީ މާނަކުރަން ޖެހޭ ހާލަތެއް ނެތެވެ. އަދި އެއީ ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ހާލަތެއް ކަން ވަރަށް ސާފުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޣާލިބްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އަލީ ހުސައިން ވިދާޅުވީ މަހަކު ވަކި މިންވަރެއްގެ ފައިސާ ދައްކަން ހުކުމުގައި އަންގާފައި ވަނިކޮށް އެންމެ މަހަކު ވެސް ފައިސާ ނުދެއްކިއްޖެނަމަ، ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކީ ކަމަށެވެ. އަދި އެއީ ވަރަށް ސާފު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިނާންގެ ވަކީލް މޫސާ އާލިމް ވިދާޅުވީ ހުކުމެއް އޮތްކަން ސިނާނަށް އެނގިވަޑައިގަތީ މިދިޔަ ޖެނުއަރީ މަހު ކަމަށާއި އަދި އީމެއިލް އާއި ވައިބާ މެދުވެރިކޮށް ހުކުމެއް އޮތްކަމުގެ މެސެޖް ލިބުނުކަން ކުރިން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށް އާލިމް ވިދާޅުވި އެވެ.

އާލިމް ވިދާޅުވި ގޮތުގައި ހިތަދޫ ކޯޓުން ސިނާނަށް މެސެޖެއް ފޮނުވުމަށްފަހު ގުޅައި، ވައިބާ މެސެޖެއް އޮންނާނެ ކަމަށާއި އެ މެސެޖް ލިބުނުކަން ޔަގީންކޮށް ދިނުމަށް އެދުމުން އެކަން އޭނާ ކުރެއްވި ކަމަށެވެ. ނަމަވެސް އެ މެސެޖްގައި އޮތީ ހުކުމެއްކަން އޭނާއަށް އޭރު އެނގިވަޑައިނުގަންނަވާ އާލިމް ވިދާޅުވި އެވެ.

ސިނާން އެ ފައިސާ ދެއްކެވީ ބޭންކާއެކު ކުރި މަޝްވަރާތަކަށްފަހު ބޭންކުން ދިން ލުއިތަކާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުކުމް ތަންފީޒު މައްސަލަ އަނބުރާ ގެންދިޔައީ ވެސް ފައިސާ ދެއްކުމުން ބޭންކުން އަމިއްލައަށް ކަމަށް ވެސް އާލިމް ވިދާޅުވި އެވެ. އަދި ހުކުމުގައި ބުނާ ކޮންމެ މަހެއްގެ ތެރޭގައި ފައިސާ ނުދެއްކި ނަމަވެސް ކޯޓުން ދިން ޖުމްލަ ހަ މަސް ދުވަހުގެ ތެރޭގައި ހުރިހާ ފައިސާއެއް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލީ ވަރަށް އަވަހަށް މައްސަލާގެ ހުކުމް އިއްވަން މަސައްކަތް ކުރާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.