13 ޖުލައި 2025 - 11:52

މި މަހު 26 ގައި ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލާ ގުޅޭ މަގުތަކުގެ މަސައްކަތް ކުރާތީ، އެ އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލެއް ގެނެސްފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ އާ ޓާމިނަލާ ގުޅޭ މަގުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުން އަންނާތީ އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލެއް ރޭ ގެނެސްފައިވާ ކަަމަށެވެ. ރޭ 11:00 އިން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެ ބަދަލަށް އަމަލުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓްރެފިކް ފްލޯއަށް ގެނައި ބަދަލާ އެކު، ޓެކްސީތައް ކިއުގައި ޖެހެން ދެން މަޑުކުރަން ޖެހޭނީ އެއާޕޯޓުގައި ސައިކަލްތައް ޕާކުކުރާ ސަރަހައްދާއި ބަނދަރާއި ދެމެދުގައި އޮންނަ މަގަށެވެ. ޓެކްސީ ކިއު ދެން އޮންނާނީ އެ ސަރަހައްދުގަ އެވެ.

އެހެންވެ، ޓެކްސީ ނަގަން ހިނގަން ޖެހޭ ހިސާބު ދެން ވަރަށް ދުރުވާނެ އެވެ. އެކަމަކު، މިއީ މަގުތައް ހަދާ ނިމެންދެން ގެނައި ވަގުތީ ބަދަލެކެވެ.

ފަސިންޖަރުން ގޮވައިގެން އެއާޕޯޓަށް ދަތުރުކުރާ އާންމު ވެހިކަލްތަކާއި ޓެކްސީތަކުން ޑްރޮޕް-އޮފްއަށް ނުވަތަ މީހުން ބޭލުމަށް ދާން ޖެހޭނީ އާ ޓާމިނަލާ ކައިރިން ހަދައިފައި އޮތް އާ މަގުންނެވެ. ޑްރޮޕް-އޮފްއަށް ނުވަތަ މީހުން ބޭލުމަށް ބޭނުންކުރާނީ މިހާރު ވެސް އެކަމަށް ކަނޑައަޅާފައި އޮތް ސަރަހައްދުތަކެވެ.

އެމްއޭސީއެލުން ބުނީ އެއާޕޯޓުގެ އުތުރުން ދެކުނަށް ދަތުރުކުރާ ވެހިކަލްތަކަށް ޔޫ-ޓާން ނެގޭނީ ފުލުހުން ޗެކްޕޯސްޓް ހުންނަ ސަރަހައްދުން އެކަނި ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އެމްއޭސީއެލުން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތަކާ އެކު އާ ޓާމިނަލްގެ އޮޕަރޭޝަން ފަށާއިރު، އެމްއޭސީއެލްގެ އަމާޒަކީ މި އަހަރު ޓޫރިސްޓް ސީޒަން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރުމެވެ.