13 ޖުލައި 2025 - 11:49

ހުޅުމާލެ 1ގެ ފްލެޓެއްގައި މިއަދު ހެނދުނު އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އަލިފާން ރޯވެފައި ވަނީ "ޗައިނާ ފްލެޓް" 94 ގެ ދެ ވަނަ ފްލޯގެ ތިން ވަނަ އެޕާޓްމެންޓުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނީ ބިދޭސީން ދިރިއުޅޭ އެތަނުގައި މީގެ ކުރިން ވެސް ދެ ފަހަރަށް ރޯވި ކަމަށެވެ. އެހެންވެ އެތަން އާންމުންނަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.
އެމްއެންޑީއެފުން ވެސް ބުނީ ރޯވި ތަނުގައި 11 ބިދޭސީއަކު ދިރިއުޅެމުންދާ ކަމަށެވެ.
އެތަނުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައި ވާއިރު އެމްއެންޑީއެފުން ބުނީ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި އެކަމަކު ދުމުގެ އަސަރުކޮށް، އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އާންމުވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެންމެ ބޮޑަށް ރޯވެފައި ހުރި ވަގުތު ކުޑަދޮރުން އަލިފާންގަނޑު ބޭރަށް ވެސް ނުކުމެފައި ހުއްޓެވެ.
އެމްއެންޑީއެފުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި ބަންކް ބެޑް ޖަހައި ގިނަ ބަޔަކަށް ނިދޭ ގޮތަށް ހަދާފައިވާ އެތަނުގައި ރޯވުމުގެ ގޮދަޑިތަކާއި އެތަނުގައި އެހެން ބައެއް ތަކެތި ވެސް ވަނީ އަނދައިފަ އެވެ. އަދި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ހުއްޓެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ގުދަނެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފަ އެވެ. އެ ތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލިއިރު ތަން ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.