13 ޖުލައި 2025 - 07:09

(ބުދަ ދުވަހާ ގުޅޭ)
"ގުޑްބައި." ހިބާގެ މެސެޖުގައި އޮތެވެ.
އޭގެ މާނައެއް ނާސިފަކަށް ނުވިސްނުނެވެ. ހިބާ ފުރަނީ ހެއްޔެވެ؟ ނާސިފުއާ އެއްކޮށް ގުޅުން ކަނޑައިލީ ހެއްޔެވެ؟ ދެން ކޮޓަރިއަށް ނާންނާށޭ ބުނީ ހެއްޔެވެ؟ ގޯހެއް ހަދަނީ ހެއްޔެވެ؟ ޖަވާބު ހޯދުމަށް ޓަކައި އަވަސް އަވަހަށް ހިބާއަށް ގުޅިއެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރުއެވެ. ކޮންމެ ފަހަރަކު ވެސް ހިބާ ފޯނު ކަނޑައިލަނީއެވެ. ނާސިފު ވަޓްސްއަޕް ހުޅުވިއެވެ. މެސެޖެއް ނެތެވެ. ވައިބާ ހުޅުވިއެވެ. ހުޅުވި ތަނައި މެސެޖެއް އައެވެ.
"ސޮރީ!" އިނގިރޭސިން ލިޔެފައި އޮތެވެ.
"ކޮން ކަމަކާ؟" ނާސިފު ވެސް އިނގިރޭސިން ލިޔުނެވެ. "ދޮރު ހުޅުވާ! މިހާ ކައިރީގަ ތިބިގެން ކޮންމެހެން ޗެޓު ކުރާކަށް ނުޖެހޭނެ ދޯ؟ ދޮރު ނުހުޅުވައިފިއްޔާ ދުވަހަކު ވެސް ވާހަކައެއް ނުދައްކާނަން އިނގޭ!"
ނާސިފު އެހެން ބުނީ އޭރުން ވެސް ދޮރު ހުޅުވައިފާނެ ކަމުގެ އުންމީދުގައެވެ. ނުހުޅުވިއެވެ. އައީ މެސެޖެކެވެ.
"ނުކެރޭނެ ވާހަކަ ނުދައްކާ ހުންނާކަށް،" ހިބާ ލިޔުނެވެ. "އެއަށް ވުރެ މާ ލޯބިވާނެ. އަހަރެން ވަރަށް ގޯސް ދޯ؟"
ދެ މީހުން ވެސް ވާހަކަ ދެއްކީ އިނގިރޭސިންނެވެ. ހިބާގެ މެސެޖު އަންނަނީ ތަންކޮޅެއް ލަހުންނެވެ. ލިޔާ ތަން ފެނެއެވެ. ނާސިފު ހީކުރީ، ލިޔެލިޔެފައި ފުހޭތީ ލަސްވަނީ ކަމަށެވެ. އެހެން ނަމަވެސް، ކޮޓަރި ތެރޭގައި އޭރު އެހެން ކަމެއް ވެސް ދިޔައީ ހިނގަމުންނެވެ. ނާސިފު ދޮރު ކައިރީގައި އިށީނދެލިއެވެ.
"ކޮން ކަމަކާ؟ އަހަރެން ބޭރަށްލީތީ؟" ނާސިފު އެހިއެވެ. "ލޯބިވާ އިރު ވެސް ނުވެއޭ ހިބާ ބުނާތީ؟ އެކި ކުލަކުލައިން ލޯބީގެ ސިގުނަލްތައް ފޮނުވާފަ، އަހަރެން ފެހި ސިގުނަލް ދިނީމަ ނުވެސް ދެނަހުރި ކަމަށް ހެދީތީ
ދެން ދޮރުހުޅުވާ ހިބާ! މީ ދެން ކޮން ކަމެއް؟ އަހަންނާ އަނގައިން ނުބުނަން ނަދުރެއް ބުނީތަ؟"
ހިބާ ދިގު މެސެޖެއް ލިޔަން ފެށިއެވެ. އެތައް އިރެއްވީ އިރު ވެސް ލިޔުމެއް ނުހުއްޓުނެވެ.
"ހިބާ އިޒް ޓައިޕިން..." ނާސިފު ލިޔުނެވެ. "ޓައިޕިން ހުއްޓާލާފަ ދޮރު ހުޅުވާ! ޕްލީޒް!"
އެތައް އިރެއް ކޮށްފައި މެސެޖު އައެވެ. ހީކުރި ވަރަށް ވުރެ މާ ކުރު މެސެޖެކެވެ.
"އައި އޭމް ސޯ ސޮރީ!" އޮތީ ހަތަރު ލަފުޒެވެ.
ދެން ފޮނުވީ ހިތެކެވެ. އޭގެ މާނައެއް ވެސް ނާސިފަކަށް ނޭނގެއެވެ.
"ނިދަނީ..." އެންމެ ފަހުން ފޮނުވި މެސެޖަކީ އެއީއެވެ.
ކިތަންމެ ވަރަކަށް ދޮރުގައި ތެޅިޔަސް ނުހުޅުވާނެ ކަން ނާސިފަށް އެނގެއެވެ. އެހެންވެ، އެ ކަހަލަ ކަމެއް ނުކުރެއެވެ.
"ހިނގާ ސައި ގެންނަން،" ނާސިފު ލިޔުނެވެ. "ސައިބޮއިގެން ނިދާ!"
ހިބާގެ ޖަވާބެއް ނައެވެ. ނާސިފު އެތައް މެސެޖެއް ފޮނުވިއެވެ. ނުކައި އޮންނާކަށް ނުވާނެއެވެ. ކޮފީއެއް ބޯލަންވީ ނޫން ހެއްޔެވެ؟ އިދްލީ ނޫނީ ދޯސާއެއް ކާ ހިތެއް ނުވޭ ހެއްޔެވެ؟ ޕާއޮބާޖީ ގެނެސްދެން ހެއްޔެވެ؟ ޕާނީޕޫރީ ބުނީމަ ކުޅުދިޔާވޭ ހެއްޔެވެ؟ ބޮންބޭ ޓީ، ލައްސީ، މަސާލާ ޗާއޭ، ހޯރްލަކްސް، އޯވެލްޓީން، މައިލޯ، ބޯންވިޓާ ވެސް ރަނގަޅުވާނެއެވެ. އެހައި މަޖާ މެސެޖެއް ފޮނުވުމުން ވެސް ހިބާގެ ޖަވާބެއް ނައެވެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނަން އިންދައި ރޫމްބޯއީ އައެވެ. ކޮޓަރި ސާފުކުރުމަށް ޓަކައެވެ. ނާސިފު ހިތަށް އެރިއެވެ. ރަނގަޅު ދަނޑިވަޅެކެވެ. އޭނަގެ ފަހަތުން ވަންނާނީއެވެ. ނާސިފު ތެދުވެފައި ރޫމްބޯއީއަށް ތަން ދެއްކިއެވެ. އޭނަ ދޮރުގައި ޓަކިޖެހިއެވެ. ނުހުޅުވާނެކަން ނާސިފަށް އެނގެއެވެ.
"މީހަކު އެބަ އުޅޭތަ؟" ވަރަށް އިންޑިޔާ ރާގެއްގައި، އިނގިރޭސިން އޭނަ އެހިއެވެ.
"ނެތް،" ނާސިފު ބުންޏެވެ. "މި އަންނަނީއޭ ބުނީ. އެހެންވެ މަޑުކޮށްލައިގެން މި އިންނަނީ. އޭނަ ބުނި ރޫމްބޯއީ އަތުވެއްޖެއްޔާ ބުނައްޗޭ ކޮޓަރި ސާފުކޮށްލައްޗޭ! ނުކޮށްފިއްޔާ އޭނަ ވަރަށް މައްސަލަ ޖައްސާނެ."
ރޫމްބޯއީ ހިނިއައިސްފައި ކޮޓަރި ހުޅުވައިލިއެވެ. އޭނަގެ ފަހަތުން ނާސިފު ވެސް ވަނެވެ. އޭނަ ވަނީ ފާހާނާއަށެވެ. ކޮޓަރި ހުރި ގޮތުން، އެނދު ފެންނަނީ ތަންކޮޅެއް އެތެރެއަށް ވަނީމައެވެ. ނާސިފު ވަނެވެ. ހިބާ އޮތީ ފޮތިގަނޑު ދަށަށް ވަދެ، މޫނާ އެކުގައި ނިވާކޮށްގެންނެވެ.
"އަައްދެ! ނިދާ މަރުވެފަ!" ސަމާސާގެ ރާގެއްގައި ނާސިފު ބުންޏެވެ.
ނާސިފު ވާހަ ކަދައްކާ އަޑަށް ރޫމްބޯއީ ފާހާނައިން ނުކުމެފައި ބަލައިލިއެވެ.
"ކޮޓަރީގަ އޮވެފައޭ ބުނީ ބޭރުގައޭ!" ނާސިފު ބުންޏެވެ. "ކީކޭ ދެން ބުނާނީ؟"
ރޫމްބޯއީ ހިނި އައިސްފައި އަނެއްކާ ވެސް ފާހާނާ ސާފުކުރަން ވަނެވެ.
"ހިނގާ ސައި ބޯން،" ނާސިފު އެދުނެވެ. "އުފުއްލާލައިގެން ގެންދަންތަ؟ މިހާރު އެނގޭނެ އަހަންނަށް ގެންދެވިދާނެކަން. ރޫމަށް ސައި ގެންނާނީ ދޯ؟"
ހިބާ އެއްވެސް ޖަވާބެއް ނުދިނެވެ. ނާސިފު ގޮސް ކޮޓަރީގެ ދޮރުފޮތިގަނޑު ކަހައިލިއެވެ. ކޮޓަރި އަލިކޮށްލިއެވެ.
"ނުލާހިކު ސަޅި ދުވަހެއް،" ބޭރު ބަލަން ހުރެފައި ނާސިފު ބުންޏެވެ. "ހިނގާ އެހެން ރެސްޓޯރަންޓަކަށް ދަމާ! ފައިވް ސްޓާ ބްރޭކްފާސްޓެއް ނަގަމާ؟ ފާރަލާނެ މީހަކު، ހަޅޭއްލަވާނެ މީހަކު ނުހުންނާނެ. އޭ! އޭނަ ގުޅިތަ؟"
ދެން ވެސް ހިބާ އެއްޗެއް ނުބުންޏެވެ. ކުޑަމިނުން ހަރަކާތެއް ވެސް ނުކުރިއެވެ.
"އަހަންނަށް ގުޅައިފިއޭ!" ހިބާއަށް ބަލަހައްޓައިގެން ހުރެ ނާސިފު ބުންޏެވެ.
ދެން ހިބާ ހަރަކާތެއް ނުކުރުމުން ނާސިފަށް ކުޑަކޮށް ޝައްކުވިއެވެ. ރާހިލް ގުޅި ވާހަކަ ބުނުމުން އެއްޗެއް ނުބުނެ ހިބާއަކަށް ނޯވެވޭނެއެވެ. ނާސިފު ތަންކޮޅެއް ބާރަށް ހިނގާފައި އައިސް ހިބާގެ ފޮތިގަނޑު ދަމައިގަތެވެ.
"ހިބާ!" ނާސިފަށް ހަޅޭއްލަވައިގަނެވުނެވެ.
ބާރު ދުވެއްޔެއްގައި އެންބިއުލަންސް ދަތުރުކުރަމުން ދިޔައެވެ. ޑަކުޓަރު ބުނި ގޮތުގައި ހިބާ ނޭވާލައެވެ. ހެޔެއް ނެތެވެ. ހާލު ވަރަށް ނާޒުކެވެ. ކެއި ބޭސްތަކެއްގެ ސަބަބުން ހިތް ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. ހިބާގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އޭރު ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ހިބާގެ އެހީތެރިއަކަށް އިނީ ނާސިފެވެ. މަންޒަރު ބަލަން ނާސިފަށް ކެތްވަނީ ކިރިޔާއެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރުން ނާސިފަކަށް ހުއްޓައެއް ނުލެވެއެވެ. އެއް ޖުމުލަ ސިކުނޑީގައި އެނބުރިއެނބުރި ހުއްޓެވެ. ހިބާއަށް އެހެންވީ އަހަންނާ ހެދިއެވެ. ހިބާއަށް އެހެންވީ އަހަންނާ ހެދިއެވެ.
ހިބާ ވެއްދީ އައިސީޔޫއަށެވެ. ބޭރުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިންނަން ނާސިފު މަސައްކަތްކުރި ނަމަވެސް، އެ ކަން އެހައި ކާމިޔާބެއް ނުވެއެވެ. އިރުއިރުކޮޅާ ތެދުވެވެއެވެ. ދެން ފެނުނީ ފުލުހުން ވަން ތަނެވެ. ނާސިފަކީ ހިބާގެ ކާކުތޯ އާއި ކޮޓަރީގައި ނާސިފު ކުރީ ކީއްތޯ ފަދަ އެތައް ސުވާލެއް ކުރިއެވެ. ނާސިފަށް އެނގޭ ހުރިހައި އެއްޗެއް ކިޔައިދިނެވެ. އެންމެ އެއްޗެއް ފިޔަވައެވެ. ރާހިލްއަށް ނާސިފު ހެދި ގޮތާ ބެހޭ އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ.
"އަހަންނަކީ ރައްޓެއްސެއް،" ވަރަށް ވިސްނައިގެން ނާސިފު ކިޔައިދިނެވެ. "ހިބާގެ ލޯބިވެރިޔަކީ ރާހިލް. ކައިވެނި ވެސް ހަމަޖެހިފަ އޮތީ. އެކަމަކު ދެ މީހުން ވަރަށް މައްސަލަޖެހޭ ވާހަކަ ހިބާ ބުނި. އެކަކު އަނެކަކަށް އިތުބާރު ނުކުރެވުމާ، ދެބަސްވުމާ، ރާހިލް އަނިޔާކުރާ ވާހަކަ ވެސް ބުނި. ރާހިލް ދެކެ ހިބާ ވަރަށް ލޯބިވޭ! އެކަމަކު ނުވެސް ބުނެ ކުއްލިއަކަށް ރާހިލް ފުރައިގެން ދިޔައީއޭ ހިބާ ބުނީ. ފަހުން ސިޓީއެއް ވެސް ލިބުނު. އަހަންނަށް ދެއްކި. ކައިވެނި ކެންސަލުކުރި ވާހަކަ ވެސް އޭގަ އޮތް. އެ ކަމާ ވަރަށް ދެރަވެގެން އުޅުނު."
ހިބާ ދެކެ ނާސިފު ލޯބިވާ ވާހަކަ އާއި ކައިވެނި ހުށައެޅި ކަމާއި ލޯތްބާއި ކައިވެންޏަށް ހިބާ އިންކާރުކުރި ވާހަކަ ވެސް ފުލުހުންނަށް ނާސިފު ސިއްރު ކުރިއެވެ. ބޭކާރު ގޮތެއްގައި ނާސިފު އެ މައްސަލައިގައި ތާށިވެދާނެތީއެވެ. ތާށިވެފައިވާ މައްސަލަތަކުގެ ތެރެއަށް އަނެއްކާ އެއް މައްސަލަ އިތުރު ނުކުރަން ވެގެންނެވެ. ހިބާގެ ފޯނު ފުލުހުން ގެންދިޔައެވެ. އޭގައި ނާސިފު އާއި ހިބާގެ ޗެޓުތައް ހުންނާނެ ކަމާއި ފަޅާ އަރާނެ ކަމެއް އޭރަކު ނާސިފަކަށް ނުވިސްނެއެވެ. ވިސްނުނީ އެންމެ ކަމަކަށެވެ. ނާސިފު ކުރި ކަންތައް ނުކުރި ނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ހިބާ މަރާ ހަނގުރާމައެއް ނުކުރީހެވެ. ހިބާއާ ވާހަކަ ދެއްކުނީހެވެ. ހިބާގެ ހިނިތުންވުން ވެސް ނާސިފަށް ފެނުނީހެވެ. އެ ހުރިހައި ކަމެއްގެ ޒިންމާ ނަގަންޖެހޭ ހަމަ އެކަނި މީހަކީ ނާސިފެވެ. ވިސްނަން އިން އިރު، އެއްވެސް އިހުތިޔާރެއް ނެތި ކަރުނައަކަށް ފަހު ކަރުނައެއް ނާސިފުއާ ރުޅިވަމުން، ވަކިވަމުން ދިޔައެވެ. ނާސިފު ހިތަށް އެރިއެވެ. ކިތަންމެ ރަނގަޅު ކަމެއް ވިޔަސް އަނެކާ ނޭދޭ ކަމެއް ނުކުރަންވީއެވެ. ރަނގަޅަކަށް ތިމާ ކުރާ ކަމަކީ، އަނެކާއަށް ވިހައަކަށް ވެސް ވެދާނެއެވެ. ދުނިޔެ ނުއަތަށް އެނބުރޭނެ ނަމައޭ ވެސް ނާސިފު ހިތަށް އެރިއެވެ. ވީ ކަންތައް ނުވާ ކަމަކަށް ވާނެ ނަމައޭ ވެސް ހިތަށް އެރިއެވެ.
"ތީ ހިބާގެ އާއިލާ މީހެއްތަ؟" ނަރުސް ކުއްޖަކު އައިސް އިނގިރޭސިން އެހިއެވެ.
"ނޫން! ރައްޓެއްސެއް." ނާސިފު ބުންޏެވެ.
"މި އެއްޗެހި އަވަހަށް ގެނެސްދީ!" ލިސްޓެއް ދެމުން ނަރުސް ކުއްޖާ ބުންޏެވެ.
"އޭނަގެ ހާލު ކިހިނެއް؟" ނާސިފު އެހިއެވެ.
"...ޑޮކްޓަރ ކަމިންގް!" ބުނަން އުޅުނު ވާހަކަ ނުބުނެ ނަރުސް ކުއްޖާ އެހެން ބުނެފައި ދިޔައެވެ.
ނާސިފު ލިސްޓަށް ބަލައިލިއެވެ. އޭގައި ހުރީ ބޭސްފިހާރައަކުން ލިބޭނެ ކަހަލަ އެއްޗިއްސެވެ. އެ ވަގުތު ނާސިފު ހިތަށް އެރިއެވެ. ހިބާގެ އާއިލާއަށް އަންގަން ވާނެއެވެ. ނާސިފަކީ ކާކުކަން ހިބާގެ މަންމައަށް އެނގޭނެއެވެ. ފޯނުން ފެނިފައިވާތީއެވެ. ހިތާމައަކީ އާއިލާގެ އެއްވެސް މީހެއްގެ ނަންބަރު ނާސިފަށް ނޭނގޭކަމެވެ. އެ ކަން ކުރެވޭނީ އަދީލް މެދުވެރި ކޮށްގެންނެވެ. ހުރިހައި ސިއްރެއް އަދީލްއަކަށް ވެސް ނޭނގޭނެއެވެ. ރަނގަޅު ވާނީ ދެން ވެސް ނޭނގުނިއްޔާއޭ ނާސިފު ހިތަށް އެރިއެވެ. އެހެނަސް އަދީލަށް ނުގުޅާ ހުއްޓައި، އެހެން މީހެއްގެ ފަރާތުން އެނގިއްޖެއްޔާ ވެސް ކަމަކު ނުދާނެއެވެ. އެއީ އަދީލްގެ ފޯނެއް ނާސިފަށް އައި ވަގުތެވެ. ނުނަގަން އުޅެފައި ނާސިފު ފޯނު ނެގިއެވެ.
"ހަމަ ގުޅަން އުޅެނިކޮށް ތި ގުޅީ،" ނާސިފު ބުންޏެވެ. "ވަރަށް އެހެން ކަހަލަ..."
"ހަލޯ!" ނާސިފު ކުރިން ދެއްކި ވާހަކަ އަޑުނީވޭ ކަހަލަ މޭރުމަކުން އަދީލް ވާހަކަ ދެއްކިއެވެ. "ހިބާއަށް ކިހިނެއްވީ؟ ދެންމެ އިންޑިޔާގެ ޕޮލިހުން ގުޅައިފި. ހިބާގެ ފޯނުން ނަންބަރު ފެނިގެންނޯ މި ގުޅީ. ތެދެއްތަ އެއީ؟ ކިހިނެއް ވެގެން މި އުޅެނީ؟"
ނާސިފު ކިޔައިދިނެވެ. ތަފާތު ބަދާލެކެވެ. ދޮގެއް ނަހަދައެވެ. ބައެއް ވާހަކަ އުނިކުރީއެވެ. ނާސިފު ކިޔައިދިނީ ހިބާއާ ނުގުޅިގެން، ކޮޓަރި ވެސް ނުހުޅުވައިގެން އުޅެނިކޮށް ރޫމްބޯއީއާ އެކުގައި ވަދެވުނު ހިސާބުންނެވެ.
"އަހަންނަށް ހީވަނީ އެއްކަލަ ސޮރު ރުޅިވީމަ، ވެޑިން ކެންސަލު ކުރީމަ ހިބާ މާ ދެރަވީހެން،" ނާސިފު ބުންޏެވެ. "ވަރަށް އަނިޔާ ވެސް ކުރާ ސޮރެކޭ އެއީ. ފަޔަށް ކޮންމެވެސް އަނިޔާއެއް ކޮށްގެން، ހޮސްޕިޓަލަށް ގޮސް ޕްލާސްޓަރ އަޅައިގެން އައީ. ބޭސްތަކެއް ވެސް ދިން. ހީވަނީ އެ ބޭސްތައްހެން ކާލީ. އައިސީޔޫ ކުރިމަތީގަ އަހަރެން މިހިރީ. މަޑުކޮށްލައްޗޭ! ޑޮކްޓަރ އެބަ އާދޭ!"
"ވަޓް؟" ނާސިފު ބުނި އަޑު އަދީލަށް އިވުނެވެ. "ކޯމާ؟" (ނުނިމޭ)