12 ޖުލައި 2025 - 22:04

މާލޭ ސަލްމާން މިސްކިތުގައި ހެދި ލައިބްރަރީ "އިސްލާމީ ކުތުބުޚާނާ" މިރޭ ހުޅުވައިފި އެވެ.

ރާއްޖޭގެ ލައިބްރަރީ ދުވަހާ ދިމާކޮށް މިރޭ މި ލައިބްރަރީ ހުޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމެވެ.

އެ ލައިބްރަރީ ހުންނަނީ ސަލްމާން މިސްކިތުގެ ތިންވަނަ ފުލޯގަ އެވެ.
ލައިބްރަރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިން އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދައުވަތުދެއްވައިފަ އެވެ. އަދި ދިވެހި އަދީބުންގެ ފޮތްތައް ވެސް އެ ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ލައިބްރަރީގައި 15،000 އަށް ވުރެ ގިނަ ފޮތް ހުންނާނެ ކަމަށެވެ. އެއީ އިސްލާމީ އިލްމު ހާސިލުކުރަން ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ މީހުންނަށް ވަރަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ލައިބްރަރީ ހުޅުވުމަށް މިނިސްޓްރީގެ މުވައްޒަފުންނާއެކު ޒުވާނުންގެ ޓީމެއް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލެ އާއި ރަށްރަށުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އިސްލާމީ މަރުކަޒުތަކުގައި ހަދަން ނިންމާފައިވާ ލައިބްރަރީތަކަށް ބޭރުގެ ޔުނިވާސިޓީއަކުން 60،000 ފޮތް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ގައުމާއި ޔުނިވާސިޓީގެ ނަން ފަހުން އާންމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.