12 ޖުލައި 2025 - 13:05

އދ. އަތޮޅުގެ ރިސޯޓެއްގެ ފުއްޓަރު ފަރާތަށް ފީނަން ފައިބާ އުޅުނު އެމެރިކާގެ ޓޫރިސްޓަކު މަރުވި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އެއީ މިދިޔަ އާދިއްތަ ދުވަހު މެންދުރު 12:30 ހާއިރު ރިޕޯޓްކޮށްފައިވާ މައްސަލައެއް ކަމަށެވެ.
މަރުވީ 47 އަހަރުގެ އެމެރިކާ ފިރިހެނެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެކަން ހިނގީ ކޮން ރިސޯޓެއްގައި ކަމެއް އަދި އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް ވެސް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މޫދުގައި ހިނގި އެކި ހާދިސާތަކުގައި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 112 ޓޫރިސްޓަކު މަރުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގައި ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން މިދިޔަ ހަފުތާގައި ވަނީ ހާމަވެފަ އެވެ.
މިފަދަ މައްސަލަތައް އެހާ ބޮޑަށް އިތުރުވި އިރު ވެސް މިކަމާ ގުޅޭ ގަވާއިދެއް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް އެކުލަވާނުލެވި އޮތް ކަމަށް ވިދާޅުވެ މަޖިލިސް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި، މިދިޔަ އަހަރު އެކަނި ވެސް ގެނބިގެން 20 އަށް ވުރެ ގިނަ ޓޫރިސްޓުން މަރުވި އެވެ.
މިދިޔަ ފަސް އަހަރު ގެނބިގެން މަރުވި ޓޫރިސްޓުންގެ އަދަދު 68 އަށް އަރަ އެވެ. ޑައިވިނާއި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް 42 ޓޫރިސްޓަކު މަރުވި އެވެ. އަދި ސްނޯކްލިން އާއި ޑައިވިންގައި އުޅެނިކޮށް، އުޅަނދެއްގައި ޖެހިގެން އެކަކު މަރުވެ، ނުވަ މީހަކަށް ވަނީ އަނިޔާވެފަ އެވެ.