12 ޖުލައި 2025 - 11:55

ލިވަޕޫލް (ޖުލައި 12) - ކާރު އެކްސިޑެންޓެއްގައި މަރުވި ފޯވާޑް ޑިއޯގޯ ޖޮޓާގެ ހަނދާނުގައި، ލިވަޕޫލުން އޭނާ ބޭނުން ކުރި 20 ނަމްބަރު ޖޯޒީ، ރިޓަޔާކޮށްފި އެވެ.

މި މަހުގެ ތިން ވަނަ ދުވަހު ހިނގި ހާދިސާގައި އުމުރުން 28 އަހަރުގެ ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ، 26، މަރުވީ ސްޕެއިންގެ ޒަމޯރާއިން ލިވަޕޫލަށް ދިޔަ މަގުމަތީގައި އެ ދެ މީހުން ދަތުރުކުރަމުން ދިޔަ ކާރު ކަހާލައިގެން ވެއްޓި، އޭގައި އަލިފާން ރޯވެގެންނެވެ.
ޖޮޓާގެ ކޮއްކޮ އަންދްރޭ އަކީ ޕޯޗުގަލްގެ ދެ ވަނަ ޑިވިޝަނުގެ އެފްސީ ޕެނަފިއެލްގެ ކުޅުންތެރިއެކެވެ. ލިވަޕޫލްގެ ޕްރީސީޒަން ޓްރޭނިންއާ ގުޅެން ޖޮޓާ ކާރުގައި ދަތުރު ކުރީ އިންގްލެންޑަށް ދަތުރުކުރާ ފެރީއާ ދިމާއަށެވެ. އެއްގަމާއި ކަނޑުމަގުން އޭނާ ދަތުރު ކުރަމުން ދިޔައީ، ފުއްޕާމޭގެ މައްސަލައަކާ ގުޅިގެން އޭނާ މަތިން ދަތުރު ނުކުރާން މެޑިކަލް ޓީމުން އެންގުމުންނެވެ.
ޖޮޓާގެ އަންހެނުން ރިއުޓް ކާޑޯސޯއާ ހިއްސާ ކުރުމަށް ފަހު ލިވަޕޫލުން ނިންމީ، އެ ކްލަބްގެ ކުރިހާ ޓީމަކުން 20 ނަމްބަރު ޖޯޒީ ރިޓަޔާ ކުރާށެވެ.
"މިއީ އޭނާ ފަހުރުވެރިކަމާ އެކު މި ކްލަބުގައި ބޭނުން ކުރި ނަމްބަރެއް، އޭނާގެ ބޮޑު ހިއްސާއަކާ އެކު އަހަރެމެންނަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން. ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ 20 ނަމްބަރު ޖޯޒީ އަބަދުވެސް ނިސްބަތް ވާނީ ޑިއޯގޯ ޖޮޓާ އަށް،" ލިވަޕޫލްގެ ބަޔާނުގައިވެ އެވެ.
"އޭނާގެ އަންހެނުން ރިއުޓް އަދި އޭނާގެ އާއިލާއާ މަޝްވަރާ ކުރުމަށް ފަހު އަހަރެމެން މި އިއުލާން ކުރަނީ ޑިއޯގޯގެ ހަނދާނުގައި އޭނާގެ ޖޯޒީ ނަމްބަރު ކުލަބުގެ ހުރިހާ ލެވެލަކުން ރިޓަޔާ ކުރަން. އޭގެ ތެރޭގައި ލިވަޕޫލްގެ އަންހެން ޓީމާއި އެކަޑަމީ ވެސް ހިމެނޭ."
ވުލްވްސް އިން 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ޕޯޗުގީޒް ފޯވާޑް ވަނީ އެ ކްލަބަށް ކުޅެދިން 182 މެޗުންން 65 ގޯލު ޖަހައިދީފަ އެވެ. އަދި މި ފަސް ސީޒަންގައި ވަނީ ލިވަޕޫލާ އެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ލީގް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.
މީގެ އިތުރުން ޕޯޗުގީޒް ގައުމީ ޓީމަށް މިހާތަނަށް 49 މެޗުން 14 ގޯލު ޖަހައިދިން ކުޅުންތެރިޔާ ވަނީ ދެ ފަހަރު ނޭޝަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.
ހާއްސަކޮށް މި އަހަރަކީ ޖޮޓާގެ ކެރިއަރާއި އޭނާގެ ހަޔާތުގައި ވެސް ހާއްސަ އަހަރެކެވެ. އޭޕްރީލް މަހު ލިވަޕޫލާ އެކު ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ފަހު މެއި މަހު އޭނާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމާ އެކު ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި އެކްސިޑެންޓުގެ 11 ދުވަސް ކުރިން، ޖޫން މަހު ޖޮޓާ ވަނީ އޭނާގެ ޒަމާންވީ ލޯބިވެރިޔާއާ ކައިވެނި ކޮށްފަ އެވެ.