އުމުރުން 33 އަހަރު، 106 ވަނަ ފަހަރަށް ހައްޔަރުކޮށްފި
އުމުރުން 33 އަހަރު، 106 ވަނަ ފަހަރަށް ހައްޔަރުކޮށްފި

ވައްކަމުގެ މައްސަލައެއްގައި އުމުރުން 33 އަހަރުގައި މީހަކު ހައްޔަރުކުރިއިރު، އެއީ އޭނާ ހައްޔަރުކުރި 106 ވަނަ ފަހަރު ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

އެ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އޭނާ މީގެ ކުރިން ކުށުގެ ތުހުމަތަށް 105 ފަހަރު ހައްޔަރުކޮށްފައިވާ ކަމަށް ރެކޯޑުން ދައްކަ އެވެ. އޭގެ ތެރެއިން 43 ފަހަރު އޭނާ ބަންދަށް ބަދަލުކޮށްފައި ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

މިއީ އޭނާގެ އުމުރުން 18 އަހަރުވި ފަހުން މިވީ 15 އަހަރަށް ބަލާއިރު އެވެރެޖްކޮށް އަހަރަކު ހަތް ފަހަރު ހައްޔަރުކުރުމެވެ.

އޭނާ ހައްޔަރުކުރި މައްސަލަތަކަށް ބަލާއިިރު، ކޯޓު އަމުރުގައި ބުނީ ވައްކަމުގެ މައްސަލަތަކުގައި ގިނަ އަދަދަކަށް ހައްޔަރުކުރި ކަމަށެވެ.

މިފަހަރު އެ މީހާ ހައްޔަރުކުރީ މަޖީދީމަގުން ގޮސް، ޗަމްޕާމަގަށް ހިނގާފައި ވަން އިރު ކަޅު ކޮތޮޅަކަށް ބަރު އެއްޗެހިތަކެއް އަޅައިގެން ދަނިކޮށް ފުލުހުން ފެނުމުން "ބާރު ހިނގުމެއްދާތަން ފެނުމުން" އޭނާ ހުއްޓުވައި ސުވާލުކުރި އިރު އޭނާގެ އަތުން ފެނުނު ހަތަރު ރޯލު ކަރަންޓު ނަރުގެ މައްސަލައިގަ އެވެ.

އެއާ ބެހޭ ގޮތުން ފުލުހުން އޭނާއާ ސުވާލުކުރުމުން ބުނީ އެއީ މީހަކު ދިން އެއްޗެއް ކަމަށާއި އޭނާ ދިން ނަމްބަރަށް ގުޅުމުން އެ މީހާއާ ނުގުޅޭ ކަމަށެވެ. އެހެންވެ މިއީ ވަގަށް ނަގާފައިވާ އެއްޗެއް ކަމަށް ބެލެވޭތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެވެ.

ކޯޓު އަމުރުގައި ވަނީ އޭނާ ހައްޔަރުކޮށް ބަންދަށް މުއްދަތު ދިނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ.