11 ޖުލައި 2025 - 18:54

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މި ހަފުތާ ބަންދުގައި މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ މޫދު ކުޅިވަރުތައް މަޑުޖައްސާލަން ފުލުހުން މިއަދު އެދިއްޖެ އެވެ.
ފުލުހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވަޔާއެކު، ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވެފައި ވާތީ، މޫސުން އަލިވަންދެން މޫދު ކުޅިވަރާއި ކަނޑުމަތީގައި ހިންގާ އެހެން ހަރަކާތްތައް ވެސް މަޑުޖައްސާލަން އިލްތިމާސް ކުރާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، މޫސުން ގޯސް ވެފައިވާ މި ދުވަސްވަރު ކަނޑުމަތީގެ ގިނަ ހާދިސާތަކެއްގެ ރިޕޯޓު މިހާރު ވެސް ވަނީ ލިބިފަ އެވެ.
އާންމުންގެ ރައްކާތެރިކަމަކީ ފުލުހުން އެންމެ އިސްކަމެއްދޭ ކަންތައް ކަމަށް ވާތީއާ އެކު، މެޓު އޮފީސް މެދުވެރިކޮށް މޫސުމާ ގުޅޭ މައުލޫމާތު ހޯދުމަށާއި ރިސްކު ނުނެގުމަށް ވެސް ފުލުހުން އެދުނެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި މި ހަފްތާ ބަންދުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. މިވަގުތު ވެސް މެޓުން އޮތީ ހއ. އިން ލ. އަތޮޅާ ދެމެދަށް ވަައިޓް އެލާޓް ނެރެފަ އެވެ. އަދި ގއ. އިން އައްޑުއާ ހިސާބަށް ވެސް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
އެ ހިސާބުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުންޏެވެެ.
އެމްއެންޑީއެފްގެ ކޯސްޓުގާޑުން ބުނި ގޮތުގައި އިއްޔެ ވެސް ކަނޑުމަތީގެ ހަތް ހާދިސާއެއްގެ ރިޕޯޓު ލިބުނެވެ.
ކަނޑުގަދަވުމުގެ ސަބަބުން ސިފައިންނަށް ރިޕޯޓު ކުރި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެއްގައި އުމުރުން 75 އަހަރުގެ މީހަކު ވަނީ ގެއްލިފަ އެވެ. ގދ. ގައްދޫން ފުރައިގެން އެ ރަށް ކައިރީގައި އޮންނަ ގަމަށް ދަތުރުކުރި ޒަކަރިއްޔާ މުހައްމަދު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުންޏެވެ.
އޭނާ ހޯދުމުގެ މަސައްކަތް ސަދަން އޭރިއާ ކޮމާންޑު، ކޯސްޓް ގާޑު ފޯތު ސްކޮޑްރަން އަންނަނީ ކުރަމުންނެވެ.