11 ޖުލައި 2025 - 15:09

ޒުވާނުންނާ ގުޅޭ ކަންކަމުގައި ކުރާ ހޭދަ އިތުރު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
އެ މަނިކުފާނު އެ ކަމަށް އިލްތިމާސް ކުރެއްވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގަ އެވެ.
ރައީސްގެ މެސެޖުގައި ވަނީ ރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުން ދާއިރު، ކުރިމަގުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރު ކުރުމުގައި ދިވެހި ޒުވާނުންގެ މުހިންމު ދައުރު ފާހަގަކުރައްވައިފަ އެވެ. އެންމެ މުހިންމީ ޒުވާނުންނާ ގުޅޭ ކަންކަމަށް ކުރާ ހޭދަ މިހާރަށް ވުރެ އިތުރު ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ލުއިފަސޭހަކަން ކަށަވަރު ކޮށްދިނުމާއި ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ދަރިން ބެލުމުގެ ކަންކަން ފަހިވެފައި އޮތުމާއި ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކު ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭ ގޮތަށް، ޒުވާނުންނަށް ފަހި ވެއްޓެއް ބިނާކޮށްދިނުމަށް އެ މަނިކުފާނުގެ ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމަށެވެ.
"އަދި ދަރިމައިވުމާއި ގުޅުން ހުރި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާއި ކައުންސެލިން އާއި ވަށާޖެހޭ ފުރިހަމަ ސިއްހީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރު ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ދުރުރާސްތާ އަށް ރޭވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ގައުމީ ހަގީގަތްތައް ދައްކުވައިދޭ، އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ރާއްޖެ ތައްޔާރު ކުރަނިވި، ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވައިލުމަށް ވެސް ރައީސް މުއިއްޒު ގޮވައިލެއްވި އެވެ.
ރައީސް ވަނީ އާބާދީ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި ވެސް ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ 2062 ވަނަ އަހަރު އަންނަން ވާއިރު ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 65 އަހަރަށް ވުރެ ދޮށީ މީހުންނަށް ވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
އެހެންވެ، އުމުރުގެ ގޮތުން ދޮށީ މުޖުތަމައެއްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުން ތައްޔާރު ކުރުމަށް ސަރުކާރުން ސަމާލުކަން ދެމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.