22 މާޗް 2017 - 06:19

ސޯމާލިއާގެ ޖުބަލަންޑް ސަރަހައްދުގައި މިދިޔަ ހަތަރު ވަރަކަށް ދުވަސް ތެރޭ، ކާން ނުލިބި ހައިހޫނުކަމުގައި 26 މީހަކު މަރުވެއްޖެ ކަމަށް ސަރުކާރުގެ ރޭޑިއޯ ޗެނަލް ރޭޑިއޯ މޮގަދިޝޫއިން އިއްޔެ ބުނެފި އެވެ.
ސަރަހައްދީ އިންޓީރިއާ މިނިސްޓަރު އަދި ހަނަފަސްކަމާ ކުރިމަތިވުމުގެ ސަބަބުން ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން އުފައްދާފައިވާ ކޮމިޓީގެ ޗެއާމަން އަބްދުއްރަހްމާން މުހައްމަދު ހުސައިނާ ހަވާލާދީ ރޭޑިއޯއިން ބުނީ މިއީ އެންމެ ތިން ދުވަހުގެ ތެރޭގައި މަރުވި އަދަދު ކަމަށެވެ. އޭނާ ވަނީ ސޯމާލިއާއަށް ވީ އެންމެ އަވަހަކަށް އެހީ ލިބޭނެ ގޮތް ހަދައިދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް މިދިޔަ މަހު ސޯމާލިއާއަށް ވަޑައިގެން ވިދާޅުވި ގޮތުގައި ހަ މިލިއަނެއްހާ މީހުން ތިބީ އެހީތެރިކަމަށް ބޭނުންވެފަ އެވެ.
ސޯމާލިއާއަށް ކުރިމަތިވެފައިވާ އާދަޔާޚިލާފު ހަނަފަސްކަމުގައި ގެރިބަކަރިތައް މަރުވެ ކޯރުތަކާއި ވަޅުތަކުން ފެން ހިނދި ދަނޑުބިންތައް ވަނީ ހަލާކުވެފަ އެވެ.
ހަނަފަސްކަން ބޮޑުވެފައިވާ ޖުބަލަންޑުން އެތައް ސަތޭކަ އާއިލާއެއް ވެރިރަށް މޮގަދިޝޫއަށް ވެސް ވަނީ ހިޖުރަކޮށްފަ އެވެ.
ބައިނަލްއަގުވާމީ ޖަމާއަތްތަކާއި މަޝްހޫރު ބައެއް ފަންނާނުން ވެސް މިހާރު އަންނަނީ ސޯމާލިއާއަށް އެހީވުމަށް ފައިސާ ހޯދުމަށްޓަކައި މަސައްކަތްތައް ކުރަމުންނެވެ. ނަމަވެސް ވަގުތުން ވަގުތަށް އެހީ ބޭނުންވާތީ ސޯމާލިއާ ސަރުކާރުން އަންނަނީ އެހީ އަވަސްކޮށްދިނުމަށް އެދި އާދޭސްކުރަމުންނެވެ.