އާޝާ ބޯސްލޭ މަރެއް ނުވޭ، ފަތުރަނީ ދޮގެއް: އާއިލާ
އާޝާ ބޯސްލޭ މަރެއް ނުވޭ، ފަތުރަނީ ދޮގެއް: އާއިލާ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވި ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

އުމުރުން 91 އަހަރުގެ އާޝާ މަރުވި ކަމަށް އަޑުތައް ފެތުރުނީ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ހިއްސާކުރި ފޮޓޯއެއްގެ ސަބަބުންނެވެ. އެ ފޮޓޯގައި ފެންނަނީ އާޝާގެ ފޮޓޯ ފްރޭމެއްގައި މާފަތި އަޅުވާފައި ހުއްޓަ އެވެ. ފޮޓޯ ފްރޭމުގައި މާފަތި އެޅުވުމަކީ ހިންދޫ ދީނުގެ މީހުން މަރުވީމަ ކޮށްއުޅޭ ކަމެކެވެ.

މި މަހުގެ އެއްވަނަ ދުވަހު އާޝާ މަރުވި ކަމަށް ކެޕްޝަންގައި ވެސް ލިޔެފައިވާ އެ ޕޯސްޓު މިހާރު ވަނީ ޑިލިޓްކޮށްފަ އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ސުވާލުކުރުމުން އާޝާގެ ދަރިފުޅު އާނަންދު ބޯސްލޭ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

އާޝާ އެންމެފަހުން ފެނިފައި ވަނީ 1981 ވަނަ އަހަރު ގެނެސްދިން ބޮލީވުޑްގެ ތަރި ރޭކާގެ ފިލްމު "އުމްރާއޯ ޖާން" ރީ-ރިލީޒްކުރުމަށް މިދިޔަ މަހު ބޭއްވި ހަފުލާއިންނެވެ. އެ ހަފުލާގައި އާޝާ ވަނީ އެ ފިލްމަށް އޭނާ ކިޔާފައިވާ ލަވައެއް ކަމަށްވާ "ޑިލް ޗީޒް ކިޔާ ހޭ" ވެސް ޕާފޯމްކޮށްފަ އެވެ.

އާޝާ ވަނީ އޭނާގެ ދިގު މިއުޒިކީ ކެރިއަރުގައި 12،000 އަށް ވުރެ ގިނަ ލަވަ ރިކޯޑްކޮށްފަ އެވެ.

ޒަމާންތަކެއް ކޮށްފައި ލަތާގެ އަޑުން އާ ލަވައެއް މިދިޔަ އަހަރު ވެސް ގެނެސްދިނެވެ. "ސައްޔާ ބިނާ" ކިޔާ އެ ލަވައިގައި އާޝާއާ އެކު އޭނާގެ މާމަ ދަރިފުޅު ޒަނާއީ ބޯސްލޭ ވެސް ފެނެ އެވެ.

އާޝާއަކީ އިންޑިއާގެ ރަން އަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރުގެ ކޮއްކޮ އެވެ. އުމުރުން 92 އަހަރުގައި ލަތާ މަރުވީ މީގެ ތިން އަހަރު ކުރިން ކޮވިޑް ބަލީގައި ފެބްރުއަރީ 6، 2022 ގަ އެވެ.