11 ޖުލައި 2025 - 13:20

ފޮޓޯތަކެއް ހުރި ކަމަށް ބުނެ ފޮނުވާ ފިޝިން ލިންކެއް މެދުވެރިކޮށް ޓެލެގްރާމް އެކައުންޓްތައް ހެކްކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
މި ލިންކްތައް ގިނައިން ފޮނުވަނީ ގާތް ނުވަތަ އިތުބާރުކުރެވޭ މީހެއްގެ ނަމުގަ އެވެ.
ފުލުހުން ބުނީ މެސެޖަކާ އެކު ފޮނުވާ އެ ލިންކަށް ފިތާލުމުން ވެސް އެދެނީ ފޯނު ނަމްބަރު ޖެހުމުން އަންނަ އޯޓީޕީ ހިއްސާކޮށްދިނުމަށެވެ. އޯޓީފީ ދީފި ނަމަ ސްކޭމަރުންނަށް އެކައުންޓް އަތުލެވުނީ ކަމަށް ފުލުހުން ބުންޏެވެ.
މި ސްކޭމްގައި އެ މީހަކަށް ނޭނގި ފޯނު ނަމްބަރު ބޭނުންކޮށްގެން އެހެން މީހުންނަށް ވެސް މެސެޖް ފޮނުވަ އެވެ.
ފިޝިން ލިންކަށް ފިތި ސްކޭމަރުންގެ ޝިކާރައަކަށް ވެއްޖެ ނަމަ ވީހާވެސް އަވަހަށް ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރަން ފުލުހުން އެދެ އެވެ. އަލުން އިންސްޓޯލްކޮށް އެކްޓިވޭޓްކުރާއިރު ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވާން އެޅޭ ފިޔަވަޅެއް ކަން ފުލުހުން ހަނދާންކޮށްދިނެވެ.
ޓެލެގްރާމް ހެކްކުރުން އިތުރުވި އިރު އޮޅުވާލައިގެންފައިސާ ހޯދާ ޓެލެގްރާމް ޓާސްކް ސްކޭމަކީ ނުރައްކާތެރި ސްކޭމެއްގެ ގޮތުގައި ގިނަ ގައުމުތަކުން ވަނީ ކަނޑައަޅައިފަ އެވެ. މި ސްކޭމް ހިންގަނީ ގޭގައި ތިބެ ކުދިކުދި މަސައްކަތްކުރުމުން އާމްދަނީ ދޭނެ ކަމަށް ބުނެ އެވެ.
ފޯނަށް ފޮނުވާ ލިންކަށް ފިތައި ވެރިފިކޭޝަން ކޯޑު ދީގެން ސްކޭމްތަކުގައި ޖެހޭއިރު ވައިބާ އާއި މެސެންޖާ އާއި އިންސްޓަގްރާމާއި އައިބޭ އަދި ފޯނުން ގުޅައިގެން ވެސް ސްކޭމް ހިންގާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ މެއި މަހުގެ ތެރޭގައި 130 އަށް ވުރެ ގިނަ ސްކޭމް ހިންގައި އެކި މީހުންގެ އަތުން ނެގި ފައިސާގެ އަދަދު 1.4 މިލިއަނަށް އަރަ އެވެ.