ކަނޑުމަތީގެ ހަތް ހާދިސާއެއް، ގައްދޫން ގެއްލުނު މީހާ އަދިވެސް ނުފެނޭ!
ކަނޑުމަތީގެ ހަތް ހާދިސާއެއް، ގައްދޫން ގެއްލުނު މީހާ އަދިވެސް ނުފެނޭ!

ކަނޑުމަތީގެ ހަތް ހާދިސާއެއްގެ ރިޕޯޓު އިއްޔެ ލިބުނު ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެފި އެވެ.

މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑު ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ސިފައިންނަށް ރިޕޯޓު ކުރި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެއްގައި އުމުރުން 75 އަހަރުގެ މީހަކު ވަނީ ގެއްލިފަ އެވެ. ގދ. ގައްދޫން ފުރައިގެން އެ ރަށް ކައިރީގައި އޮންނަ ގަމަށް ދަތުރުކުރި ޒަކަރިއްޔާ މުހައްމަދު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުންޏެވެ. އޭނާ ހޯދުމުގެ މަސައްކަތް ސަދަން އޭރިއާ ކޮމާންޑު، ކޯސްޓް ގާޑު ފޯތު ސްކޮޑްރަން އިން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ބުނީ ޒަކަރިއްޔާ ގެއްލުނުއިރު ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެން ކަމަށެވެ.

ކޯސްޓް ގާޑުން ބުނިގޮތުގައި އިއްޔެގެ މެންދުރު 12 އިން ރޭގެ 11 އާ ހަމައަށް ކަނޑުމަތީގެ ހަތް ހާދިސާއެއްގެ ރިޕޯޓު ލިބުނެވެ.

ރ. އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރި މީހަކު ގެއްލުނު ކަމުގެ ރިޕޯޓެއް ވެސް އިއްޔެ ލިބުނެވެ. އެކަމަކު، އެ މީހާ ފަހުން ވަނީ ފަތާފައި ގޮސް ރ. ދުވާފަރަށް އަރައިފަ އެވެ. އަދ. ތ. ވިލުފުށި "ވިލުރޯދި" ގެއްލުނު ކަމުގެ ރިޕޯޓު ލިބިފައިވީ ނަމަވެސް ރޭގެ ދަންވަރު ދޭއް ޖަހާކަންހާއިރު އެ ދޯނި ވިލުފުއްޓަށް އަނބުރާ ވަދެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.

މީގެ އިތުރުން އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމާއި 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ. ދަރަވަންދޫ ކައިރިން ދަތުރުކުރި ސަފާރީއެއް ދިޔަވުމުގެ ހާދިސާ އާއި 8 ދިވެހިންނާއި ހަތަރު ބިދޭސީންނާ އެކު މާލެ އިން ލ. ހިތަދު އަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް ކަމަށްވާ "އޯޝަން އެކްސްޕްރެސް" އަޑިޔަ ދިޔަ ކަމުގެ ރިޕޯޓެއް ވެސް ލިބުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"އޯޝަން އެކްސްޕްރެސް" އަޑިއަށް ދިޔއީ ރިހިވެލި ރިސޯޓު ކައިރިއަށެވެ. އެ ބޯޓުގައި ތިބި އެންމެން ރައްކާތެރިކަމާ އެކު ރޭ 12 ޖަހަން އުޅެނިކޮށް ވަނީ މާލެ ގެނެސްފަ އެވެ

ކަނޑުމަތީގެ ހާދިސާތަކާ އިއްޔެ ކުރިމަތިލާން ޖެހުނު ހުރިހާ ފަރާތްތަކަށް ވެސް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބުންޏެވެ.