ޑިންގީއެއްގައި ދަތުރުކުރި މީހަކު ގެއްލިގެން ހޯދަނީ
ޑިންގީއެއްގައި ދަތުރުކުރި މީހަކު ގެއްލިގެން ހޯދަނީ

ޑިންގީއެއްގައި ދަތުރުކުރި މީހަކު މިއަދު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިފައިވަނީ ޑިންގީއެއްގައި ގދ. ގައްދޫއިން ފުރައިގެން އެ ރަށް ކައިރީގައި އޮންނަ ގދ. ގަމަށް ދަތުރުކުރި 75 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ގެއްލިގެން ކަމަށެވެ.

އެ މީހާ ހެނދުނު 9:30 ހާއިރު ރަށުން ފުރައިގެން ގަމަށް ދިޔަ އެވެ. އަދި އެ ރަށުން، ހެނދުނު 11:15 ހާއިރު އަނބުރާ ފުރާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް، އޭގެފަހުން އޭނާގެ ހަބަރެއް ނުވެގެން ހަވީރު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ. އެހެންވެ، އެ މީހާ ހޯދުމުގެ މަސައްކަތް ސިފައިންނާ ގުޅިގެން އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން ގަން ކައިރީގައި އޮންނަ ފަޅު ރަށްތައް ބަލަމުންދާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެ ފިރިހެން މީހާ ގެއްލުނުއިރު ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެންނެވެ.

މީގެ އިތުރުން ރ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ 35 އަހަރުގެ ދިވެހި ފިރިހެނަކު، ކެނޯއެއްގައި ކަނޑަށް ނިކުތް ފަހުން ހަބަރެއް ނުވެގެން ވެސް މިރޭ ހޯދު އެވެ.

ނަމަވެސް މީގެ އިރުކޮޅެއް ކުރިން އޭނާ ވަނީ ފެނިފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމުން، ކަނޑުދަތުރުކުރުގައި ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.