ހިޔާލު ފާޅުކުރުމަށް ހުރަސް ނާޅައި ތައްޔިބު މިނިވަންކުރަން އެމްނެސްޓީން ގޮވާލައިފި
ހިޔާލު ފާޅުކުރުމަށް ހުރަސް ނާޅައި ތައްޔިބު މިނިވަންކުރަން އެމްނެސްޓީން ގޮވާލައިފި

ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި ހައްޔަރުކޮށްފައި ހުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމް ވަގުތުން މިނިވަންކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ދިވެހި ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު ރާއްޖޭގައި ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި މީޑިއާތަކަށް ގޯނާކުރުމުގެ އަމަލުތައް ވަރަށް ބޮޑަށް އިތުރުވެފައި ކަމަށެވެ. މިކަން އިތުރުވެގެން ދިޔައީ ސައޫދީ އަރަބިއްޔާއިން ފ. އަތޮޅުގައި ބިޔަ އިންވެސްޓްމަންޓެއް ކުރަން އުޅޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލަން ފެށުމުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ ބައެއް ނޫސްވެރިންނާއި މީޑިއާތަކަށް ކުރިމަތިވި ބިރުދެއްކުމުގެ ބައެއް ހާދިސާތަކާއި ފ. އަތޮޅައި ކުރި މުޒާހަރާއަށް ހުރަސް އެޅުން ފާހަގަކުރަމުން އެ ބަޔާނުގައި ބުނީ ހައްޔަރުކޮށްފައި ހުރި ތައްޔިބަކީ "ޕްރިޒަނަ އޮފް ކޮންސައިންސް" އެއްގެ ގޮތުގައި އެމްނެސްޓީން ބަލައިގަންނަ ކަމަށެވެ. ތައްޔިބު ކުރި ކަމަކީ އޭނާއަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުންކުރުން ކަމަށް އެމްނެސްޓީން ދެކޭ ކަމަށާއި އެހެންވެ އޭނާ ވަގުތުން މިނިވަންކުރުމަށް އެ ޖަމާއަތުން ވަނީ ގޮވާލައިފަ އެވެ. އެ ޖަމާއަތުން ބުނީ ޖިނާއީ އެއްވެސް ދައުވާއެއް ތައްޔިބުގެ މައްޗަށް ކުރާ ނަމަ އެކަން ހުއްޓާލަންޖެހޭނެ ކަމަށެވެ.

"އިންސާނީ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އަދި އެއްވެ އުޅުމުގެ މިނިވަންކަމަށް އިހްތިރާމްކޮށް، އެ ހައްގުތައް ރައްކާތެރިކޮށްދިނުމާ އެކު މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް ބިރުވެރިކަމެއް ނެތް މާހައުލެއް ތަނަވަސްކޮށްދިނުމަށް" އެމްނެސްޓީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

މީގެ އިިތުރުން، މުޒާހަރާ އާއި ހަޅުތާލުކުރުމުގެ ހައްގު ވެސް ދޭންޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެމްނެސްޓީން ބުނި ގޮތުގައި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ލާޒިމްކުރާ ހައްގުތައް ވެސް ރާއްޖޭގައި ވަނީ ހިފަހައްޓައިފަ އެވެ.