10 ޖުލައި 2025 - 15:54

ފަލަސްތީނުގެ ޣައްޒާގައި މިއަދުގެ މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 52 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މުހައްމަދު އަލް މުޣައިރް އޭއެފްޕީއަށް ކުރިން ވިދާޅުވި ގޮތުގައި މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އަށް ކުޑަކުދިން ވެސް ހިމެނެ އެވެ.
"ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލަހްގެ މެޑިކަލް ފެސިލިޓީއެއް ކައިރީގައި އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި 8 ކުޑަކުދިންނާއި ދެ އަންހެނުންނާ އެކު 17 މީހަކު ޝަހީދުވި،" މުޣައިރް އޭއެފްޕީއަށް ވިދާޅުވި އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި ޣައްޒާގެ އެކި ތަންތަނަށް އިޒްރޭލުން ގެންދަނީ ވަރުގަދައަށް ހަމަލާ ދެމުންނެވެ.
ހަމަލާތައް ވަރުގަދަކޮށްފައި މި ވަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އިޒްރޭލާއި ހަމާސްއާ ދެމެދު ނުސީދާ މަޝްވަރާތައް ގަތަރުގައި ކުރިއަށްދަނިކޮށެވެ. މި މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވޭ ހިސާބަށް ނުދެވުނަސް ހަމާސް އިން ވަނީ އިޒްރޭލުގެ ރަހީނުންގެ ތެރެއިން 10 މީހަކު މިނިވަންކުރަން އެއްބަސްވެ އެކަން އިއުލާނުކޮށްފަ އެވެ.
އިޒްރޭލުން ބުނަމުންދަނީ މިހާރު އޮތް ހުށަހެޅުމަށް ހަމާސް އެއްބަސްކުރުވުމުގައި މިހާރު ދެމުންދާ ހަމަލާތައް އެހީއަކަށް ވާ ކަމަށެވެ.
ރަހީނުންގެ ބަޔަކު މިނިވަންކުރުމާ ބެހޭ ގޮތުން ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ މަޝްވަރާތަކުގައި އުނދަގޫ ކަންކަން ހައްލު ނުވެ އަދިވެސް ހުރި ގޮތަށް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި، މިނިވަންކަމާ އެކު ޣައްޒާއަށް އެހީގެ ސާމާނު ވެއްދޭނެ ގޮތް ހަމަޖެއްސުމާއި ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމާއި ދާއިމީކޮށް ސުލްހަ ގާއިމުގެ ހަނގުރާމަ ހުއްޓުމަކަށް އަންނާނެ ކަމުގެ ކަށަވަރުކަން ދިނުން ފަދަ ކަންކަން ހިމެނޭ ކަމަށް އެ ޖަމާއަތުން ބުންޏެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.