10 ޖުލައި 2025 - 15:06

ހއ. ވަށަފަރު ސްކޫލު ކްލާސްރޫމެއްގައި ސީލިންގުން ބައެއް ވެއްޓި، ކިޔަވަން ތިބި ދެ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ދެ ކުއްޖަކަށް އަނިޔާވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ކޮނޑުހުޅަށް ތަދުވާތީ އިތުރު ފަރުވާއަށް ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މިހާރު އެ ދަރިވަރު ވެސް ގެއަށް ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކްސްރޭއެއް ނަގާލަން ގެންދިޔައީ ތަދުވާތީ. އެކަމަކު އެއްވެސް މައްސަލައެއް ނެތުމުން ދެ ދަރިވަރުން ވެސް މިހާރު ވަނީ ގެއަށް ދޫކޮށްލާފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.
އަނިޔާވީ ގްރޭޑް 9 ގައި ކިޔަވާ ދެ ކުދިންނަށެވެ.
މިނިސްޓްރީން ބުނީ ސީލިންގު ވެއްޓުނު އިމާރާތަކީ އެ ސްކޫލްގައި އެންމެ ފަހުން އިމާރާތްކޮށް ބޭނުންކުރަން ފެށި ތަން ކަމަށެވެ. އަދި މީގެ ފަސް އަހަރު ކުރިން، 2020 ވަނަ އަހަރު ބޭނުން ކުރަން ފެށި އެ އިމާރާތުގެ ސީލިންގުގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެގެން އެކަން މިނިސްޓްރީއަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.
"މަރާމާތަށް އެއްޗެހި ގެންގޮސް ހުއްޓާ އެ ހާދިސާ ހިނގީ،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
ޖުމްލަ 85 ކުދިން ކިޔަވަމުން އަންނަ އެ ސްކޫލުގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެ އެވެ.