10 ޖުލައި 2025 - 12:41

ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން ވަކި އޮފީހެއް ގާއިމްކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިއްޔެ މަޝްވަރާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ ވަނީ އޭސީސީގެ މެމްބަރުންނާ ބައްދަލުކޮށްފަ އެވެ. ނަމަވެސް، އެ ކޮމިޝަންގެ އެެދުމުގެ މަތިން ކޮމެޓީ ވަނީ ސިއްރު ކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރަކު ވިދާޅުވީ، އޭސީސީން މަޝްވަރާކުރީ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކާއި އުނދަގޫ މައްސަލަތައް އަވަހަށް ތަހުގީގުކުރަން އޮފީހެއް ގާއިމްކުރުމާ ގުޅޭ ގޮތުންނެވެ.
އޭގެ ތެރެއިން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން އެ ކޮމިޝަންގައި ސީރިއަސް ފްރޯޑުގެ ނަމުގައި ވަކި އޮފީހެއް ގާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެ މެމްބަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި އޮތީ އޭސީސީން ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މައުލޫމާތުތައް އޮޅުން ފިލުވުމެވެ.
އެންސްޕާ އޮފީސް އިމާރާތް ކުއްޔަށް ދިން މައްސަލައާ ގުޅޭ ގޮތުން ބައެއް މައުލޫމާތުތައް ވެސް އޮޅުން ފިލުވަން އިއްޔެގެ ބައްދަލުވުމުގައި ނިންމި އެވެ.