މުސިއާލާ ބުނަނީ އެއްވެސް މީހަކު ކުށްވެރިނުކުރާނެ ކަމަށް
މުސިއާލާ ބުނަނީ އެއްވެސް މީހަކު ކުށްވެރިނުކުރާނެ ކަމަށް

އޭނާގެ ފަޔަށް ލިބުނު ސީރިއަސް އަނިޔާގައި އެއްވެސް މީހަކު ގޯސްނުކުރާނެ ކަމަށް، ބެޔާން މިއުނިކުގެ ޖަރުމަން މިޑްފީލްޑަރު ޖަމާލް މުސިއާލާ ބުނެފި އެވެ.

މުސިއާލާގެ ވާތު ފައިގެ ކުޑަހުޅު ނެއްޓި، އެ ދިމާލުން ކަށިގަނޑެއް ބިންދައިގެން ދިޔައީ ފީފާ ކްލަބް ވޯލްޑް ކަޕުގައި ޕީއެސްޖީ އަތުން 2-0 އިން ބަލިވި މެޗުގަ އެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި މުސިއާލާ އަށް އަނިޔާވީ، ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ހޯދަން އުޅުނު ބޯޅަ އަށް ޑޮނަރުއްމާ ޑައިވް ކުރުމުގެ ތެރޭގައި އޭނާގެ ފައިމައްޗަށް ޑޮނަރުއްމާ އަށް ޑައިވް ކުރެވުމުންނެވެ.

އެކަމާ ގުޅިގެން ބެޔާނުގެ ބައެއް ކުޅުންތެރިން ވަނީ ޑޮންނަރުއްމާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެކަމަކު ސޯޝަލް މީޑިއާގައި ކުރި ވީޑިއޯ ޕޯސްޓެއްގައި މުސިއާލާ ބުނީ މިކަމުގައި އެއްވެސް މީހަކު ކުށްވެރިނުވާ ކަމަށާއި، މިއީ ކުޅިވަރުގައި ދިމާވާނެ ކަމެއް ކަމަށެވެ.

"އަހަންނަށް އެންމެން ތި ދިން ލޯތްބާއި، އެހީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،" މުސިއާލާ ބުންޏެވެ.
"މިކަމުގައި އެއްވެސް މީހެއްގެ ގޯހެއް ނެތް. މިއީ ހަމަ ތިމާވެދާނެ ހާލަތެއް."

ޑޮނަރުއްމާ އަށް ފާޑުކިޔަމުން، ބެޔާނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ބުނީ އެވަރުގެ ރިސްކެއް ނަގައިގެން ކީޕަރު އެ ބޯޅަ އަށް ޑައިވްކުރަން ޖެހޭ ހާލަތެއް އެ ދަނޑިވަޅުގައި ނެތް ކަމަށެވެ.

"އެ ހާލަތަކީ އެކަހަލަ ނުރައްކާތެރި ގޮތަކަށް އެ ބޯޅައާ ކުރިމަތިލާންޖެހޭ ހާލަތެއް ނޫން. އެއީ ރިސްކެއް ނެގުން. އޭނާ ހުރީ އިދިކޮޅު ކުޅުންތެރިޔާ އަނިޔާވިޔަސް އެ ރިސްކް ނަގަން ކުރިމަތިލައިގެން،" ނޯޔާ ބުންޏެވެ.

މުސިއާލާ މިހާރު ވަނީ އޮޕަރޭޝަންކޮށްފަ އެވެ. އޭނާ އަށް އެންމެ އަވަހަށް ވެސް ކުޅެން ނުކުމެވޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ.