10 ޖުލައި 2025 - 11:38

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަދިތުޔަ ރޯއީ ކަޕޫރްގެ އިންސްޓަގްރާމް ޕޯސްޓެއްގައި ކާކުކަން ނޭނގޭ އަންހެނެއްގެ އަތެއް ފެނުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބިއްޖެ އެވެ.
އަދިތުޔަ އިއްޔެ ވަނީ އޭނާގެ ޗުއްޓީ ދަތުރުގެ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފަ އެވެ. ނަމަވެސް، އޭނާ ޗުއްޓީ ހޭދަކުރި ތަނެއް ބުނެފައެއް ނުވެ އެވެ. އޭނާގެ ޕޯސްޓުން އެނގޭ ގޮތުގައި އެއީ އެއާބީއެންބީން އޭނާއަށް ހަމަޖައްސައިދިން ދަތުރެކެވެ.
އެ ޕޯސްޓުގައި ހުރި ފޮޓޯތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ކާކުކަން ނޭނގޭ އަންހެނެއްގެ އަތެއް ފެންނަ ފޮޓޯއަކަށެވެ. އޭނާގެ އަތުގެ އިނގިލިތަކުގައި ހުރީ ހުދުކުލައިގެ ނެއިލް ޕޮލިޝް ހާކައިފަ އެވެ. އަދި އަތުގައި، އޭނާ ކާން ގެންގުޅުނު ލައްޑޫއެއް ވެސް އޮތެވެ.
"އޭނާ ސޮފްޓް ލޯންޗު މި ކުރަނީ ކާކު؟"، އަދިތުޔަގެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.
އެ ޕޯސްޓުގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން އިތުރު ދެ މީހުންނާއެކު އޭނާ ބޯޅަ ކުޅޭތަން ވެސް ފެނެ އެވެ. ދެން ހުރީ އެ އެއާބީއެންބީގެ އެކި ތަންތަނުގައި ނަފާގައިވާ ފޮޓޯތަކެވެ.
އަދިތުޔަގެ އިންސްޓަގްރާމުން ކާކުކަން ނޭނގޭ އަންހެނެއްގެ އަތެއް ފެނުމުން އޭނާގެ ފޭނުން ގަބޫލުކުރަނީ އެއީ އޭނާ މިހާރު ރައްޓެހިވެގެން އުޅޭ މީހާ ކަމަށެވެ.
އަދިތުޔަ އެންމެފަހުން ރައްޓެހިވެގެން އުޅުނީ ބޮލީވުޑްގެ އެކްޓްރެސް އަނަންޔާ ޕާންޑޭއާ އެވެ. އެ ދެމީހުންގެ ގުޅުމަށް މީޑިއާގެ ހާއްސަ ސަމާލުކަމެއް ލިބިފައި ވަނިކޮށް، އެ ގުޅުން ނިމުމަކަށް އައީ އެމީހުން ރައްޓެހިވެގެން އުޅޭތާ ދެ އަހަރެއްހާ ދުވަސްވީ ފަހުންނެވެ.